އެމްޑީޕީއިން ޓުއަރިޒަމް ބޯއިކަޓް ކުރަން ނުގޮވާ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިތުރުފުޅު ހައްދަވައިފިއެވެ.
މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީއިން ފަތުރުވެރިކަން ބޯއިކަޓް ކުރަން ގޮވާނެކަމަށް ގަބޫލު ނުކުރައްވާކަމުގައެވެ.
”އަޅުގަނޑުގެ ލީޑާޝިޕެއްގައި އެފަދަ ކަމެއް ނުކުރޭ. އެމްޑީޕީއިންވެސް އެކަހަލަ ކަމެއް ކުރާނެ ކަމަށް ގަބޫލެއް ނުކުރަން.“ ރައީސް ސޯލިހު
ރައީސް މިހެން ވިދާޅުވިނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނުގެ އިތުރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދު އާއި، ހެލްތު މިނިސްޓަރު ކެރަފާ އަހުމަދު ނަސީމްގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ފާޅުކަން ބޮޑު ގޮތެއްގައި ރާއްޖެއަށް ފަތުރުވެރިން ނައުމަށް ގޮވާލައްވާފައެވެ. އޭރު ރައީސް ސޯލިހު ހުންނެވީ އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރަކަށެވެ.
އެބޭފުޅުންގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި މަޖިލިސް ނައިބު ރައިސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވެސް ވަނީ ފަތުރުވެރިކަން ބޯއިކަޓް ކުރަން ގޮވާލައްވާފައެވެ.
މީގެ އިތުރުން އެމްޑީޕީއިން ވަނީ ފަތުރުވެރިކަން ބޯއިކަޓް ކުރުމުގެ ބޮޑު ކެމްޕެއިނެއްވެސް ކުރިޔަށް ގެންގޮސްފައެވެ.