
އިންޑިއާގެ ޖީއެމްއާރު އަތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަތުލުމަކީ އިގްތިސާދަށް ލިބުނު ބޮޑު ގެއްލުމެއް ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
9 މަސް ފަހުން މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އެއާޕޯޓު ހެދުމަށް ޖީއެމްއާރާއެކު ހެދި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އުވާލުމުގެ ސަބަބުން އިގްތިސާދަށް ނޭދެވޭ ބޮޑު އަސަރެއް ކުރިކަމުގައެވެ.
”2015 ވަނަ އަހަރު އެހެން ނޫން ނަމަ އެތާ އޮންނާނީ 7 މިލިއަން ޓޫރިސްޓުންނަށް އާދެވޭ ވަރުގެ އެއާޕޯޓެއް. އިއަދު ރާއްޖެއަށް އެހެން ނޫންނަމަ 3 މިލިއަން ޓޫރިސްޓުން އަންނާނެ.“ ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ޖީއެމްއާރު ބޭރުކޮށްލުމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ 35 ބިލިއަން ރުފިޔާގެ އާމްދަނީ ގެއްލިފައިވާ ކަމުގައެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި ޖީއެމްއާރު އެއްބަސްވުން އުވާލީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ކުރަން ޖެހޭ މަސައްކަތް ނުކުރެވި ދިގުލައިގެން ދިޔުމުގެ ސަބަބުންނެވެ.