މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވައި ގޮނޑި ކާމިޔާބުކުރެއްވި ހަ ކެންޑިޑޭޓަކު ސަރުކާރު ހިންގާ މައި ޕާޓީ ކަމުގައިވާ ޕީއެންސީއާ ގުޅިވަޑައިގެންފި އެވެ.
މި ބޭފުޅުންގެ ތެރެއިން ފަސް ބޭފުޅުންނަކީ، އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީން ވަކިވެވަޑައިގަތުމަށްފަހު އަލުން މިއަދު އެޕާޓީއާ ގުޅިވަޑައިގެންނެވި ބޭފުޅުންނެވެ.
އެއީ:
– މަތިވެރި ދާއިރާގެ އިންތިހާބީ މެންބަރު ހަސަން ޒަރީރު
– މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ޒަމީރު
– ތިމަރަފުށި ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ރިޔާޒް
– ނައިފަރުގެ އިންތިހާބީ މެންބަރު ޔާސީން އަބްދުﷲ
– ވިލިނގިލި ދާއިރާގެ އިންތިހާބީ މެންބަރ އާޒިމް އަބްދުލް އަޒީޒް
– ހުރާ ދާއިރާގެ އިންތިހާބީ މެންބަރު ޑރ. އަނާރާ ނައީމް
މިބޭފުޅުންގެ ތެރެއިން އަލަށް ޕީއެންސީ އަށް ސޮއިކުރެއްވީ އަހުމަދު ރިޔާޒެވެ.
މަޖިލިސް އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ސަރުކާރުގެ ތާއީދާ އެކު އިންތިހާބުގައި ވާދަކުރެއްވި ހަ ކެންޑިޑޭޓަކު ވެސް ގޮނޑި ކާމިޔާބު ކުރެއްވިއެވެ. އަދި ޖުމްހޫރީ ޕާޓީގެ މެންބަރާއި އެމްއެންޕީގެ މެންބަރަކާއި އެމްޑީއޭގެ ދެ މެންބަރުން ވެސް ތާއީދު ކުރައްވަނީ ސަރުކާރަށެވެ. އެހެން ކަމުން ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ތާއީދުކުރައްވާ 76 މެންބަރުން 20 ވަނަ މަޖިލީހުގައި ތިއްބަވާނެއެވެ.
ޕާޓީ ބަދަލުކުރިކަން އިލެކްޝަނަށް އަންގާ ހިސާބުން ގޮނޑިން އިސްތިއުފާދޭންޖެހޭ ގޮތަށް ގާނޫނު މިހާރު އޮތް ނަމަވެސް، މެންބަރެއްގެ ހުވާ ކުރެއްވުމުގެ ކުރިން ޕާޓީއަކަށް ސޮއިކޮށްފި ނަމަ، ދެން ވާނެ ގޮތެއް ގާނޫނުގައި ލިޔެފައި ނެތެވެ.