އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިގެން އިތުރު ބައިވަރު ޚަރަދު ހިނގާނެ: އުޝާމު
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ނަމަކަށް ކިޔާ ކުންފުންޏަކަށް، ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެންނަން ހަވާލުކުރި ފައިސާ އަނބުރާ ހޯދުމަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިގެން އިތުރު ބައިވަރު ޚަރަދުތައް ހިނގާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމު ވިދާޅުވެއްޖެއެވެ.
އުޝާމު މިހެން ވިދާޅުވީ، ވެންޓިލޭޓަރުގެ އަގުގެ 90 އިންސައްތައަށްވާ ފައިސާ އެ ކުންފުންޏަށް ހަވާލުކޮށް އެ ވެންޓިލޭޓަރުތައް ލިބިފައިނުވާ މައްސަލާގައި ބަންޑާރަނައިބުގެ ލަފައަކީ އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިގެން ފައިސާ އަނބުރާ ހޯދުމަށް މަސައްކަތްކުރުން ކަމަށް ސަރުކާރުން ބުނެފައިވަނިކޮށެވެ.
ބަންޑާރަނައިބުގެ އޮފީހުގައި މަތީ ފެންވަރުގެ މަޤާމުތައް ގިނަ ދުވަސްތަކެއް ވަންދެން އުޝާމު ވަނީ އަދާކުރައްވާފައެވެ. އޭނާ ވިދާޅުވީ އާބިޓަރޭޝަނަށް ހުށަހަޅައިގެން ވެންޓިލޭޓަރު ފައިސާ ލިބުނުނު ނަމަވެސް، ވެންޓިލޭޓަރު ހޯދުމަށް ހިންގި މުޢާމަލާތުގައި ރާވައިގެން ގަސްތުގައި ޤާނޫނާ ޚިލާފު ޢަމަލުތަކެއް ހިންގާފައިނުވާ ކަމަށް ނެހެދޭނެ ކަމަށެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ވެންޓިލޭޓަރުތަކެއް ގެނައުން ހަވާލުކޮށްފައިވަނީ އެ ކުންފުނިން ކޯޓޭޝަނެއް ހުށަނާޅައި އޮއްވައެވެ. އަދި އެ ކުންފުނިން ޕާފޯމަންސް ގެރެންޓީވެސް ދައުލަތަށް ހޯދާފައިނުވެއެވެ. އޭގެ އިތުރަށް އޮޑިޓު ރިޕޯޓާއި އޭސީސީގެ ތަހުގީގުގައިވެސް ފާހަގަކޮށްފައި ވަނީ ވެންޓިލޭޓަރުތަކުގެ އަގުގެ 75 އިންސައްތައަށްވާ ފައިސާ ދޫކޮށްފައިވަނީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ކަމަށެވެ.
އުޝާމު އިތުރަށް ވިދާޅުވީ ވެންޓިލޭޓަރުތައް ހޯދުމުގައި ރާވައިގެން ޤާނޫނާ ޚިލާފު ކަންކަން ހިންގި ފަރާތްތަކުން ހިންގި އަމަލުތައް ބަލައި، އެ ކަންކަން ކުރި ބަޔަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
”ހުށަހަޅާފައި ނުވަނިކޮށެވެ.“ މިއީ ކޮންކަހަލަ ޖުމްލައެއް، އޮޅުވާނުލައި މިއަށްވުރެ ރަނގަޅަށް ލިޔުމަކީ ލިޔުންތެރީންގެ ވާޖިބެއް. ”ހުށަހަޅާފައި ނުވަނީހެވެ.“ ނުވަތަ ”ހުށަނައަޅަނީހެވެ.“ މިފަދަ ގޮތްގޮތަށްވެސް ލިޔެވެން އެބައޮތެވެ.