އައްޑޫ ސިޓީގެ ހާލަތު ބަދަލުކޮށް ނަޒާހަތްތެރި މަޖިލީހެއް ހޯއްދަވައިދެއްވާނެ ކަމުގައި އެ ސިޓީގެ ހިތަދޫ ދާއިރާއަށް ވާދަކުރައްވާ މަޝްހޫރު ނޫސްވެރިޔާ އަހުމަދު އަޒާން ވިދާޅުވެއްޖެއެވެ.
މާލޭ ސަރަހައްދުގައި ދިރިއުޅޭ އައްޑޫ ރައްޔިތުންނާ ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުމަށް މިރޭ ހިރިޔާ ސުކޫލުގައި ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަޒާން ވިދާޅުވީ އައްޑޫ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް، މަޖިލިސް އިސްލާހުކޮށް، މަޖިލީހަކީ ރައްޔިތުންގެ އިތުބާރު އޮތް ބާރަކަށް ހަދައި، އަންނާން އޮތް ޖީލުތަކަށް ނަޒާހަތްތެރި މަޖިލީހެއް ފޯރުކޮށްދެއްވާނެ ކަމުގައެވެ.
އަޒާން ވިދާޅުވިގޮތުގައި އައްޑޫގެ އާންމު ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަކީ އައްޑޫގެ ޒުވާނުން ރަށުން ބޭރުގައި ދިރިއުޅެން މަޖުބޫރުވުމެވެ. އެގޮތުން އެކި ސަބަބުތަކާހުރެ މަޖުބޫރީ ހާލަތުގައި އައްޑޫ އާބާދީގެ 45 އިންސައްތަ މީހުން އެސިޓީން ބޭރުގައި އުޅެންޖެހިފައި އޮތް އޮތުން ބަދަލުކުރައްވާނެކަން އަޒާން ފާހަގަކުރެއްވިއެވެ.
އަޒާން ފާހަގަކުރެއްވިގޮތުގައި ރައީސް މުއިއްޒުގެ ވެރިކަމުގައި މިވީ ކުޑަ މުއްދަތުގެ ތެރޭގައި އައްޑޫގައި ފައްޓަވާފައިވާ މަޝްރޫއުތަކުން އެމަނިކުފާނުގެ ހެޔޮ ނިޔަތް އޮތްކަން ހާމަވެއެވެ.
”އައްޑޫ ބުރިޖާއި، އައު އިންޖީނުގެއާއި އެމްޑީޕީ ސަރުކާރުން ފަށަން އުޅެ ނުފެށުނު ހަންކެޑެ މަޝްރޫއު މިހާރު އެވަނީ ފެށިފަ. މި ސަރުކާރުގައި ހެޔޮ ނިޔަތް އޮތްކަން އެބަފެނޭ. އަޅުގަނޑު މިނުކުތީ މިއިންނެވި ރައީސާއި މިނިސްޓަރުންނާ ގުޅިގެން އެއްބާރުލުންދީގެން އައްޑޫގެ ހާލަތު ބަދަލުކުރަން.“ އަޒާން ވިދާޅުވިއެވެ.
ހާލަތު ބަދަލުކުރެވޭނީ ސަރުކާރާއެކު މަސައްކަތް ކުރެވިގެންކަން ފާހަގަކުރައްވައި އަޒާން ވިދާޅުވީ، އައްޑޫގެ ހާލަތަށް ބަލާއިރު މުނިފޫހިފިލުވޭނެ ގޮތްތަކެއް އެ ސިޓީގައި ނެތް ކަމުގައެވެ.
”އައްޑޫ ހިތަދޫގައި މަސް މާރުކޭޓެއް ނެތް. ސިޓީގެ ހޮސްޕިޓާތަކުން އަސާސީ ތެރަޕީތަކެއް ނެހެދޭ. މިދާއިރާގެ ގިނަ ރައްޔިތުން އުޅެނީ ވަރަށް ދަތި އުނދަގޫ ހާލަތެއްގައި.“ އަޒާން ވިދާޅުވިއެވެ.
އެކަމަށް އިޝާރާތްކުރައްވައި އަޒާން ވިދާޅުވީ، އެ ހާލަތު ބަދަލުކުރަން އެއް ބަޔަކާ ހަވާލުކޮށްގެން އެތައް ދުވަހެއްވީއިރު، އެކަންކަން ކުރެވިފައި ނެތް ކަމުގައެވެ.
އެއަށްފަހު އަޒާންގެ ވާހަކަފުޅުގައި އަލިއެޅުއްވީ މަޖިލިސް އިސްލާހު ކުރުމުގެ މައްޗަށެވެ. އެގޮތުން މަޖިލީހަކީ އެ މަޖިލީހުގެ މެންބަރުން އިންތިހާބުކުރި ރައްޔިތުންނަށް ޖަވާބުދާރީވެވޭ، ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓާ ނަޒާހަތްތެރި މަޖިލީހަކަށް ހެއްދެވުމުގެ މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އަޒާން ވަނީ ދެއްވާފައެވެ.