ޚަބަރު

ނޫސްވެރިންނަށް ދޭ ހަމަލާތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީއަށް ދެވޭ ހަމަލާތަކެއް: ޝިޔާމް

ނޫސްވެރިންނަށް ދޭ ހަމަލާތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީއަށް ދެވޭ ހަމަލާތަކެއް ކަމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

މެންބަރު ޝިޔާމް މިފަދައިން ވިދާޅުވީ ޖިނާއީ ތަހުގީގެއް ހިންގުމަށް ”ދިޔަރެސް“ ނޫހުގެ ކޯ ފައުންޑަރ އަހުމަދު އަޒާން މިއަދު ފުލުހަށް ހާޒިރު ކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޝިޔާމް ވިދާޅުވީ ރާއްޖޭގެ އެންމެ އުންމީދީ އެއް ނޫސްވެރިޔާ އަހުމަދު އަޒާން މިއަދު ފުލުހަށް ހާޒިރު ކުރީ ރައީސް ސޯލިހުގެ ސަރުކާރުން ހިންގާ ކޮރަޕްޝަންގެ ޢަމަލުތަކާއި، މި ސަރުކާރުން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ޢަމަލުތައް ހާމަކޮށް ތަޙުޤީޤީ ރިޕޯޓުތައް ގެނެސްދެމުންދާތީ ކަމަށެވެ. މިއާއިއެކު ޝިޔާމް ވަނީ ނޫސްވެރިންނަށް ދޭ ހަމަލާތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރަސީއަށް ދެވޭ ހަމަލާތަކެއް ކަމުގައިވެސް ވިދާޅުވެފައެވެ.

އަޒާން ފުލުހަށް ހާޒިރުކޮށްފައިވަނީ އައިޖީއެމް ހޮސްޕިޓަލްގެ އިހުމާލުން އެ ހޮސްޕިޓަލްގެ  ޑާޓާ ބޭސްގައިވާ އެތައް ބައެއްގެ ސިއްހީ މައުލޫމާތުތައް ލީކުވުމާއި ގުޅިގެން އެ މައްސަލަ އައިޖީ އެމްއެޗާއި އަދި ކަމާއި ގުޅުންހުރި އިދާރާތަކަށް ރިޕޯޓް ކުރުމަށްފަހު އެކަމަކީ އައިޖީއެމްއެޗް ގެ އިހުމާލުން ހިނގިކަމެއް ކަމަށް ”ދިޔަރެސް“ ނޫހުން ރިޕޯޓް ކުރުމާއި ގުޅިިގެންނެވެ. އެ ނޫހުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ މައްސަލަ އެނގިގެން ”ދިޔަރެސް“އާ އެ މައުލޫމާތު ހިއްސާކުރީ އައިޓީ ދާއިރާގެ ތަޖުރިބާކާރެކެވެ.

މިއަދުގެ އިހްތިޖާޖްގައި މެންބަރު ޝިޔާމް ބައިވެރިވެ ވަޑައިގަންނަވަނީ. ފޮޓޯ: ދިޔަރެސް

މިކަމާއި ގުޅިގެން އަޒާންގެ މައްޗަށް ފުލުހުން ކުރާ ތުހުމަތަކީ އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވި ކަމުގެ ތުހުމަތެވެ.މިއަދު އަޒާން ފުލުހަށް ހާޒިރު ކުރީ މިތުހުމަތު ތަކާއި ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށެވެ.

އަޒާން މިއަދު ފުލުހަށް ހާޒިރުކޮށް ބަޔާން ދިނުމަށްފަހު ބުނީ ފުލުހުންގެ ހުރިހާ ތުހުމަތުތަކަށް އޭނާ އިންކާރުކޮށްފައިވާކަމަށެވެ.

އަޒާން ފުލުހަށް ހާޒިރުކުރި ވަގުތު މިނިވަން ނޫސްވެރިކަމަށް އޮތް ހުރަސް ނައްތާލުމާއި، ނޫސްވެރިން ފުލުހަށް ހާޒިރުކޮށް މީޑިއާގެ މިނިވަންކަމަށް ސަރުކާރުން އަޅަމުންދާ ހުރަސް ތަކާއި ދެކޮޅަށް ނޫސްވެރިންނާއި، އާންމުން ވަނީ އިހްތިޖާޖުކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button