ޚަބަރުސިޔާސީ

ނަޝީދު ރައީސް ސޯލިހަށް: މިއީ ވެރިކަމަށް ފައި ނަގަންވީ ވަގުތެއް ނޫން!

މިއީ ވެރިކަމަށް ފައިނަގަންވީ ވަގުތު ނޫންކަަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރައްދު ދެއްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2023 ގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހު ވާދަކުރައްވާނެކަން މިއަދު ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމާ ގުޅިގެންނެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި މިވަގުތަކީ ބޭރު ފައިސާގެ ރިޒާވް ރަނގަޅުކޮށް ރައްޔިތުންގެ ސަލާމަތްތެރިކަން ދެމެހެއްޓޭނެ ގޮތާމެދު ވިސްނައި، ހަމަ މަގަށް ގައުމު އަޅުވަންވީ ވަގުތެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ކުރިޔަށް އޮތް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރަން ބޭނުންވާނަމަ ކެނޑިޑޭޓަކީ އެމަނިކުފާނު ކަމުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ އެންމެ މުހިންމު ކަމަކީ 2023 ގެ އިންތިހާބު އެމްޑީޕީއިން ކާމިޔާބު ކުރުން ކަމުގައެވެ. އެއީ މުޅި ރާއްޖެއަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށާއި، މިހާރު ފަށާފައިވާ މަޝްރޫއުތައް ކުރިޔަށް ދާންޖެހޭތީ ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެއްވެސް ސިޔާސީ ޕާޓީއެއް އެކަނި ނިކުމެގެން އިންތިހާބު ކާމިޔާބު ނުވާނެ ކަމަށާއި، އެމްޑީޕީ އިސްވެ އޮވެ ކޯލިޝަނެއްގެ ތެރެއިން ވެރިކަން ހޯދަން ޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގިނަ ޕާޓީތައް އެކުލެވޭ ގޮތް ނޫން ގޮތަކަށް އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ. އަޅުގަނޑަށް ޔަގީންކަން އެބައޮތް ކޯލިޝަނާއެކީ އެމްޑީޕީ އިސްވެ އޮވެ ބަޔަކާއެކީ ނިކުމެ 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަން. އެމްޑީޕީއަށް އެކަންޏެއް ނުވާނެ. ޕާޓީގެ ކޮންގްރެސް އިން ކެނޑިޑޭޓު ނިންމާނީ.

ރައީސް ވިދާޅުވީ އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ވަރަށް ބޮޑަށް އެބައޮތް ކަމުގައެވެ.

“ވެރިކަން ބޭނުންކަމަށް ވަންޏާ އަޅުގަނޑު މިހިރީ ޗޮއިސް އަކަށް.” ރައީސް ސޯލިހު ވިދާޅުވިއެވެ.

އެމްޑީޕީގެ ކޮންގްރެސް އިން ޕްރައިމަރީއެއް ބާއްވަން ނިންމައިފިނަމަ އެގޮތަށް އެކަން ކުރިޔަށް ދާނެކަން ފާހަގަކުރައްވައި ރައީސް ސޯލިހު އިޝާރާތް ކުރެއްވީ އަންނަ އިންތިހާބުގެ ގޮތް ނިންމަން ކޮންގްރެސް އަށެވެ.

2023 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާކަން ރައީސް ސޯލިހު އިއުލާން ކުރެއްވިއިރު އެޕާޓީގެ ރޫހު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ މަޖިލިސް ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button