ޚަބަރުސިޔާސީ

އާޒިމަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީ ހިދުމަތުގައި ދެމިއޮންނާނެ ކަމަށް!

ރާއްޖޭގެ ރައީސް ކަމަށް ޑރ.މުހައްމަދު މުއިއްޒު އިންތިހާބުވެވަޑަައިގަތުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މޭޔަރު ކަމުގެ މަގާމަށް ބޭފުޅަކު އިންތިހާބުކުރަން މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާގުޅިގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާލޭގެ ރައްޔިތުންގެ އިހުސާސްތަކާ އެއްގޮތަށް މަސައްކަތްކުރުމުގައި އެމްޑީޕީ ސާބިތުވެ ދެމިއޮންނާނެ ކަމުގައެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އާއި އެޕާޓީގެ އިސްވެރިންގެ އިތުރުން ޕާޓީގެ ބައެއް އާންމު މެންބަރުންވެސް ވަނީ އާޒިމަށް މަރުހަބާ ދަންނަވާފައެވެ.

މި އިންތިހާބުގައި ދެވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ސަރުކާރުގެ ކެންޑިޑޭޓް އާޒިމާ ޝުކޫރަށެވެ. އާޒިމާ ވަނީ 2,167 ހޯއްދަވާފައެވެ. އެއީ %27 އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ތިންވަނައަށް ދިޔައީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ސައިފް ފާތިހެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް ހުސައިން ވަހީދު ހަތަރުވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވިއިރު މިފަހަރުގެ އިންތިހާބުގައި އެންމެ އަޑު ގަދަކޮށް ގަދަބަސް ވިދާޅުވެ އަމިއްލަގޮތުން ވާދަކުރެއްވި ޝުއައިބް ޢަލީ (ފުރަހަނި ޝުއައިބް) ދިޔައީ 5 ވަނަ އަށެވެ. އޭނާއަށް މުޅި މާލެއިން  ލިބިވަޑައިގެންނެވީ ގާތްގަނޑަކަށް 80 ވަރަކަށް ވޯޓެވެ.

މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބިފައިވިޔަސް،  ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައިވަނީ އެންމެ 17،000 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

މިއަދުގެ އިންތިހާބުގައި ވޯޓުލީ އަދަދު މަދުވުމުގެ ސަބަބުން ގިނަ ބަޔަކު އިންތިހާބާއި މެދު މާބޮޑު ޝައުގެއް ނެތްކަން ހާމަވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button