
އެމްޑީޕީއިން ފެންނަނީ ބާތިލްގެ މަގަށް ޕާޓީ ގެންގޮސްފަ އޮތް މިންވަރު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޗެއާޕާސަންގެ މަގާމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާ ވާދަކުރައްވަމުން އަންނަ އިންތި މިކަން ހާމަކުރެއްވީ އެބޭފުޅާގެ ކެމްޕެއިނަށް ލ.ގަމަށް ވަޑަައިގެން އެމްޑީޕީގެ ސަޕޯޓަރުންނާ މުހާތަބުކޮށް ދެއްކެވި ވާހަކައިގައެވެ.
އިންތި ވިދާޅުވިގޮތުގައި އެމްޑީޕީން ވިޔަފާރިވެރިންނަށް މީގެ ކުރިން ފިއްތާފައި އޮތުމަށްފަހު އެޕާޓީގެ ޗެއާޕާސަން އިންތިހާބާ ދިމާކޮށް އެ ވިޔަފާރިވެރިންނަށް ލުއި ގޮތް ހޯދައިދީ ހާސްކަން ފިލުވައިދިނުމަށް ޕާޓީން ވަނީ ފަށާފައެވެ.
”އެ ވިސްނުން ގެންނާނެ ޕާޓީއަކަށް މި ޕާޓީ ހެދުމަށް 17 އަހަރަށް ދާއިރުގަ ކާކުތޯ ހިތަށް އަރާނީ. އެގޮތަށް އެ މިސްރާބަށް މި ޕާޓީ ހިފާފާނެ ކަމަކަށް.“ އިންތި ވިދާޅުވިއެވެ.
އެސްއެމްއީ ލޯނަކަށް ނުވަތަ ކޯޓާއަކަށް ސަޕޯޓަރުންގެ ވިސްނުން ބަދަލުކޮށް ބިރު ދެއްކުމުގެ ސަގާފަތެއް ޕާޓީ ތެރޭގައި އަށަގަންނާނެކަމަށް ދުވަހަކު ވެސް މީހަކު ގަބޫލު ނުކުރާ ކަމަށާއި، އެކަމަކު އެމަގަށް އެމްޑީޕީގެ މިސްރާބު ބަދަލުވެއްޖެ ކަން އިންތި ފާހަގަކުރެއްވިއެވެ.
”މިއަދުގެ ހާލަތަކީ މިއީ. ކިތައް ތަޖުރިބާތޯ ތިބޭފުޅުން ކުރެއްވީ. ބިރު ދެއްކުމުގެ ތަޖުރިބާ. ރަށް ފަޅުކުރުމުގެ ތަޖުރިބާ. އާއިލާ މީހަލަށް ހައްގަކާ ނުލާ ވަޒީފާ ނުދީ ހިފެހެއްޓުމުގެ ތަޖުރިބާ. ލޯނު ނުދޭނެ ކަމުގެ ބިރު.“ އިންތި ވިދާޅުވިއެވެ.
މީހަކު ލޯނަކަށް އެދެފިނަމަ، ލޯނު ނުދީ ފިއްތާލާނެ ކަމުގެ ބިރާއި، މުޅި ޕާޓީ ކިލަނބުކަމެއްގެ ތެރެއިން ސަލާމަތްކޮށްފައި ވަނިކޮށް އަނެއްކާވެސް ބާތިލްގެ މަގަށް މިސްރާބު އަނބުރާލާފައިވާކަމަށް އިންތި ވިދާޅުވިއެވެ.
މެންބަރު އިންތިގެ ބަހުގެ ހޫނު ހަމަލާތައް އަމާޒު ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒަށެވެ. މިނިސްތަރު ފައްޔާޒު މަގާމުގެ ބޭނުން ނަހަމަގޮތުގައި ކުރައްވައި، އެބޭފުޅާއަށް ތާއީދު ނުކުރާ ފަރާތްތަކަށް ފިއްތާލާނެ ކަމުގެ އިންޒާރު ދެމުންގެންދާކަން އިންތިގެ ކެމްޕެއިން ޓީމުން ފާހަގަކުރެއެވެ. އަދި އެ މައްސަލައިގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ކޯލިޝަންގެ ހުރިހާ ލީޑަރުން ހަނު ތިއްބެވިކަންވެސް އިންތިގެ ޓީމުން ވަނީ ފާހަގަކޮށްފައެވެ.
މިއީ އެމްޑީޕީގެ އެތެރޭގެ ހާލަތު އެޕާޓީގެ ތަރުޖަމާނު ކަމުގެ މަގާމާއި އަދި ޕާލިމެންޓް ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ކަމުގެ މަގާމުވެސް ފުރުއްވި ބޭފުޅަކު މިހާ ފާޅުކަން ބޮޑުގޮތެއްގައި ތަފްސީލް ކޮށްދެއްވި ފުރަތަމަ ފަހަރެވެ.