ޖުޑީޝަލް ސާވިސް ކޮމިޝަން ކޮމްޕޮޒިޝަންގައި އެއްވެސް ސިޔާސީ މީހަކު ހުރެގެން ނުވާނެކަމަށް އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ސަންގުޓީވީއަށް ދެއްވި އިންޓަރވިއުއެއްގައި ވިދާޅުވީ ޖުޑީޝަލް ސާރވިސް ކޮމިޝަން ސިޔާސީ ނުފޫޒުން އެއްކިބާކުރެވި ހަގީގީ މިނިވަންކަން އަންނަން ޖެހޭނެކަމަށެވެ. އަދި ޕީއެންސީފެ މަޖިލީސް މެމްބަރުންނާ އެކު އެ މަސައްކަތްތައް ކުރެއްވުމަށް މަޝްވަރާތައް ކުރައްވާނެކަމަށާއި ޖޭއެސްސީ ކޮމްޕޮޒިޝަންގައި އެއްވެސް ސިޔާސީ މީހަކު ހުރެގެން ނުވާނެކަމަށެވެ.
ޖޭއެސްސީގެ މެމްބަރުކަމަކީ އެ މީހަކު އަންނަ މަގާމެއްގެ ސަބަބުން ލިބޭނެ އެއްޗަކަށްވެސް ވެގެން ނުވާނެކަމަށާއި އެތަނުގައި ތިއްބަވަންވާނީ ޖުޑިޝަލް ދާއިރާގެ މީހުންކަމަށާއި އެތަނުގައި ތިއްބަވަންޖެހޭނީ ރިޓަޔާރ ކުރައްވާފައިވާ ފަނޑިޔާރުންފަދަ ބޭފުޅުންކަމަށް ޑރ.މުއިއްޒު ވިދާޅުވެފައިވެއެވެ.
އަދި މި ވިސްނުމާއި އެއްފަދަ ގޮތަކަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން ބަދަލުކުރެއްވުމަށް އުންމީދުކުރައްވާކަމަށާއި މި މަގު ފަހުވެ ހަގީގީ މާނައިގައި ޖޭއެސްސީއަކީ ސިޔާސީ ނުފޫޒު ނުވަންނަ ތަނަކަށް ހެދުމަކީ އެ މަނިކުފާނުގެ އަމާޒެއް ކަމަށް ޑރ.މުއިއްޒު ވިދާޅުވެފައިވެއެވެ.
މިކަން ހާސިލްކުރުމަށްޓަކައި މަޖިލީހުގައި ހުށައެޅިފައިވާ ބިލަށް ބަދަލުތަކެއް ގެންނަންޖެހޭނަމަ އެ ކަންވެސް ކުރައްވަން ތައްޔާރު ކަމަށާއި، ޕީއެންސީއަކީ މަޖިލީހުގައި މައިނޯރިޓީ ޕާޓީއެއްނަމަވެސް އެހެނިހެން ޕާޓީތަކާއި އެމްޑީޕީއިންވެސް މި މަސައްކަތުގައި އެއްބާރުލުން ދެއްވާނެކަމަށް އުންމީދުކުރައްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ޖޭއެސްއީއަށް ޑރ.މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ބަދަލުތައް ހާމަކޮށް އެމަގުން ކުރިއަށް ގެންދެވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް އިންތިހާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވެއެވެ.