ޚަބަރު

ބޭނުންވާ ވަރަށް ހެކި ނެތުމުގެ ސަބަބުން އަހަނދުގެ މައްޗަށް ޓެރަރިޒަމް ދައުވާ ސާބިތެއް ނުވި

ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލައާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާއި ގުޅިގެން ދައުލަތުން ދަރުވާކުރި އަހްމަދު އިސްމާއިލް (އަހަނދު) ގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާތައް ސާބިތުކުރުމަށް ބޭނުންވާ ވަރަށް ހެކި ނެތުމުން އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފިއެވެ.

އަހްމަދު އިސްމާއީލް ގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާއެވެ.

މި ދައުވާތައް އުފުލާފައިވަނީ އެނާ އިތުރު ބަޔަކާ ގުޅިގެން 2014 ވަނަ އަހަރު ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުށުއަރާ ހިޔާލު ފާޅުކުރާ މީހުންނަށް އަދަބު ދިނުމަކީ އެ މީހުން އަމިއްލަ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް ބަލައިގެން އެކަން ކުރުމަށް ރާވައި، އެ ކަހަލަ ގްރޫޕްތަކުގައި އިސްކޮށް އުޅުނު މީހުން ހޯދަން އުޅުނު ކަމުގެ ތުހުމަތުގައެވެ. މި ކަމުގައި އިސްކޮށް އުޅުނު ބައެއް ކަމުގައި ނޫސްވެރިޔާ ރިލްވާން އަދި ބްލޮގަރު ޔާމީން ނިންމައި، އެހެން ބަޔަކާ ގުޅިގެން ރިލްވާނާއި ޔާމިން މަރާލުމަށް ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

އެހެންނަމަވެސް، އަހަނދުގެ މައްޗަށް ކުރި އެ ތުހުމަތުތައް ސާބިތުކުރެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނެތްކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. މިހެންކަމުން، އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމިއެވެ.

ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމްގައި ބަޔާންކޮށްފައިވަނީ ސޯޝަލް މީޑިއާގައި އިސްލާމްދީނަށް ފުށުއަރާ ހިޔާލު ފާޅުކުރާ މީހުން ހޯދައި އެ މީހުންނަށް އަނިޔާކުރުމުގައި އަހަނދު ބައިވެރިވި ކަމަށް ބެލެވެ ހެކި ހުށަހެޅި، ނަމަވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމަށް އަހަނދު ރޭވުމުގެ ގޮތުން ކުރި ކަމެއް ވުޖޫދުގައި އޮތްކަމަށް ބެލެވޭނެ ހެއްކެއް ނެތެވެ.

މި މައްސަލައިގައި ދަތުލަތުން އަހަނދުގެ އިތުރުން އިސްމާއީލް އަބްދުއްރަހީމް (އިސޫ) އާއި އަޙްމަދު މުއާޒް (ގަޓު މުއާ) ގެ މައްޗަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވެއެވެ. އެހެންނަމަވެސް، އެ ދެމީހުންވެސް ވަނީ ކޯޓުން ދޫކޮށްލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button