ޚަބަރުސިޔާސީ

ޑރ. މުއިއްޒު އަލްޖަޒީރާއަށް: 17 ނޮވެމްބަރުގައި ހުވައިކުރެއްވުމާއެކު ރާއްޖެއިން އިންޑިއާ ސިފައިން ފައިބަން އަންގާނަން

17 ނޮވެމްބަރުގައި ހުވައިކުރެއްވުމާއެކު އިންޑިއާ ސިފައިން ފައިބަން އަންގަވާނަން ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުއިއްޒު ބައިނަލްއަގުވާމީ މީޑިއާއަށް ދެއްވި ފުރަތަމަ ބަސްދީގަތުމުގައި އަލްޖަޒީރާއާއި ވާހަކަ ދައްވަމުން ވިދާޅުވީ އެއްވެސް ބޭރު ގައުމެއްގެ ސިފައިން ރޭއްޖޭގައި ތިބުމަކީ ރާއްޖޭގެ ސަލާމަތާއި ސިޔާދަތަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި މިހާރުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތުތައް ރައްކާތެރިކޮށްދޭ ސިޔާސަތެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ ސަލާމަތާއި ސިޔާދަތާއި މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

މިހާރު އޮތް ސަރުކާރު ދެވަނަ ދައުރަކަށް ދެމިގެންދާން ބޭނުންނުވާ މައިގަނޑު އެއް ސަބަބަކީވެސް ރާއްޖޭގައި އިންޑިއާ ސިފައިން ތިބުން ބޭނުންނުވުންކަން ފާހަގަކޮށް، ޑރ.މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރެއްގައި ހާރިޖީ ސިޔާސަތުގެ މައިގަނޑު އެއް އަމާޒަކަށްވާނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައި ބޭލުން ކަމަށެވެ. މިގޮތުން، ޑިޕްލޮމެޓިކް އުސޫލުތަކުގެ ތެރެއިން އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ކުރައްވާންކަމަށް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައިތިބި އިންޑިއާ ސިފައިން ފައިބަން އަންގަވާނީ ކޮންއިރަކުތޯ އިލްޖަޒީރާއިން ސުވާލުކުރުމުން ޑރ.މުއިއްޒު ވިދާޅުވީ 17 ނޮވެމްބަރުގައި ހުވައިކުރެއްވުމާއިއެކު އެކަމަށް އެދިވަޑައިގަންނަވާނެ ކަމަށެވެ.  މިގޮތުން، އިންތިޤާލީ މަރުހަލާގައި އިންޑިއާގެ ހައިކޮމިޝަނަރާ ބައްދަލުކުރެއްވި ކުރެއްވުމުގައިވެސް އެކަމުގެ ވާހަކަތައް ދައްކަވައި އެއީ މަނިކުފާނުގެ ސަރުކާރެއްގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަންތައްކަމަށް ވިދާޅުވުމުން އިޖާބީ ޖަވާބެއް ދެއްވައި އިންޑިއާއިން އެކަމުގައި އެކީގައި މަސައްކަތްކުރާންކަމަށް ސަފީރު ވިދާޅުވި ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަކީ ދިވެހިރާއްޖެއަށް އޮތް ނުރައްކަލެއްކަމަށް ޢަބޫލުކުރައްވާ ސަބަބަކީ ރާއްޖެއަކީ ސުލްހަވެރި އަމާން ޤައުމެއްކަމަށާއި، ރާއްޖޭގައި ދުވަހުކުވެސް ބޭރުގެ ސިފައިން ކުރިން ނުތިބޭކަމަށާއި، އެފަދައިން ބޭރުގެ ސިފައިން ތިބުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދަކީ ކޮބައިކަން ނޭނގޭކަން ފާހަގަކޮށް ހީކުރާ މިންވަރަށްވުރެ ގިނަނުވާނެކަމަށް އުންމީދުކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއަކީ ސުލްހަވެރި ޤައުމެއްކަމަށާއި ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ވާދަވެރިކަމުގެ ތެރޭގައި ރާއްޖެ އޮތުމަކީ އެދިވަޑައިނުގަންނަވާ ކަމެއްކަމަށާއި، ހާރިޖީ ސިޔާސަތަކީ ”މޯލްޑިވްސް ފަރސްޓް“ ސިޔާސަތެއްކަމަށާއި، ރާއްޖެއަށް އިހުތިރާމުކުރާ ރާއްޖޭގެ މަސްލަހަތުތަކަށް އަރައިނުގަންނަ ކޮންމެ ގައުމަކާއެކު ގާތް ގުޅުމެއް ބާއްވަވާނެކަމަށް އަސްކަރީ ގުޅުންތަކާއި މެދު ވާހަކަދައްކަވަމުން އިންތިހާބީ ރައީސް ޑރ.މުއިއްޒު ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button