
ދިވެހިރާއްޖޭގެ ޖުވެނައިލް ކޯޓުގެ ރަސްމީ ވެބްސައިޓު އިންޑިއާގެ ހެކަރުންގެ ޓީމަކުން ހެކް ކޮށްފިއެވެ.
ޖުވެނައިލް ކޯޓުގެ ވެބްސައިޓުގައި ލިޔެފައިވާގޮތުގައި އިންޑިއާގެ ސަގާފަތާއި ދެކޮޅަށް އިހާނެތި ވާހަކަ ދެއްކުމަކީ އެމީހުނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ރައީސް، ޑރ. މުހައްމަދު މުއިއްޒު އާއި ޝިއުނާ ފަދަ ބޭފުޅުން އިސް މަގާމުތަކުގައި ތިއްބެވުމުން ރާއްޖެ ނިކަމެތި ހާލަތަކަށް ވެއްޓިފައި އޮތް މިންވަރު ހާމަވެގެންދާކަން އެ ޓީމުން ފާހަގަކޮށްފައިވެއެވެ.
ރާއްޖޭގެ ސައިބަ ސްޕޭސްއަށް އަސަރު ކުރާނެ ފަދަ ފިޔަވަޅު އެޅުމުގެ ގާބިލުކަން ކޯޓުގެ ވެބްސައިޓު ހެކް ކުރި ނެޓްވޯކަށް ލިބިފައިވާކަން ފާހަގަކޮށް އެޓީމުން ބުނީ، ރާއްޖެއަށް އޮތް އެންމެ ރަނގަޅު ގޮތަކީ އެފަދަ ކަންކަމަށް ހިތްވަރު ދިނުން ހުއްޓާލުން ކަމުގައެވެ. އަދި އެކަން ތަކުރާރު ކޮށްފިނަމަ ދިވެހި ދައުލަތަށް އިއާދަ ނުކުރެވޭ ފަދަ ގެއްލުން ދިނުމުގެ ގާބިލްކަން ހުރިކަމަށް ދޭހަވާ މޭރުމަކުން ހެކަރުން ވަނީ އިންޒާރު ދީފައެވެ.