
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް އާއި ބ.ކިހާދޫ ކައުންސިލާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
ލާމަރުކަޒީ މިނިސްޓްރީގައި މިއަދު ބޭއްވުނު މި ބައްދަލުވުމުގައި އެ މިނިސްޓްރީގެ ވަޒީރު އާދަމް ޝަރީފް ވަނީ ކިހާދޫ ކައުންސިލަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ކިހާދޫ ކައުންސިލް އިދާރާ އިމާރާތުގައި ހުރި ދަތިތަކާއި، ލޯކަލް އޮތޯރިޓީ ކުންފުނި އެކުލަވާލުމުގައި ކައުންސިލަށް ހުރި ގޮންޖެހުންތަކާއި، މުވައްޒަފުންގެ އިތުރުގަޑީގެ މައްސަލައިގެ އިތުރުން ރަށުގެ އިގްތިސާދު ރަނގަޅު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން ދެފަރާތުގެ މެދުގައި މަޝްވަރާ ކުރެވިފައިވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ތަރައްގީކުރުމާއި، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ސިޔާސަތު ކަނޑައަޅައި ވިލަރެސްކުރުމުގެ މެންޑޭޑު މިހާރު އޮންނަނީ ލާމަރުކަޒީ މިނިސްޓްރީގައެވެ.
ރަށެއްގައި ނުވަތަ އަތޮޅެއްގައި ހިންގަން ކަނޑައަޅާ 5 މިލިޔަން ދިވެހި ރުފިޔާއަށްވުރެ ބަޖެޓު ބޮޑު ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން، ސަރުކާރުން ކަނޑައަޅާ މަޝްރޫއުތައް ރާވައި ހިންގުމާއި، އެ މަޝްރޫއުތައް ހިނގާގޮތް މޮނިޓަރކޮށް އިވެލުއޭޓްކުރުމާއި، ސިޓީއެއްގެ ދަރަޖަ ދީފައިވާ އިދާރީ ދާއިރާއެއްގައި ހިންގަން ކަނޑައަޅާ 15 މިލިޔަން ދިވެހި ރުފިޔާއަށްވުރެ ބަޖެޓު ބޮޑު ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން، ސަރުކާރުން ކަނޑައަޅާ މަޝްރޫއުތައް ރާވައި ހިންގުމާއި، އެ މަސައްކަތްތައް ހިނގާގޮތް މޮނިޓަރކޮށް އިވެލުއޭޓްކުރުމަކީވެސް އެ މިނިސްޓްރީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.