އެމްޑީޕީގެ ގޮތެއް ހުރިނަމަ މިއަދު އިތުބާރުނެތް ކަމަށް ނިންމާ މަޤާމުން ދުރުކުރަންވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އާއި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ނޫންކަމަށާއި، މަޤާމުން ވަކިކުރަންވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަދުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ ކޮންމެރެއަކު ކުރިއަށްދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން ރޭ ކުރިއަށްދިޔަ މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ސަރުކާރުގެ އަނިޔާވެރިކަމާ ސިޔާސީ އެންމެހާ ފަރާތްތަކަށް އޮތް ބިރުވެރިކަމުގެ ވާހަކަ ދައްކަވާ އާދަމް ޝަރީފް ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރައީސް ޔާމީންގެ ސަރުކާރަށް ހަޖޫ ޖެއްސެވުމަށްފަހު ވެރިކަމަށް ވަޑައިގެން ތަރައްޤީގެ ކާމިޔަބު އެންމެ މަޝްރޫޢުއެއްވެސް ނުހިންގޭ ކަމަށާއި، ކުޑަމިނުން ގިޑިގެ ގަނޑެއްވެސް އަޅާނުލެވުނު ކަމަށް އާދަމް ވިދާޅުވިއެވެ. އަދި ބޯހިޔާވަހިކަމުގެ ނަމުގައި އެންމެ ގާކޮޅެއްވެސް ނުބޭއްބުނީމަ އެހެން މީހަކުނަމަ ލަދުންވެސް ދެވަނަ ދައުރަކަށް ކުރިމަތި ނުލައްވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ގެ އިތުބާރުނެތް ކަމުގެ މައްސަލަ އަށްވުރެ މުހިންމީ ރައީސް އިބްރާހިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލާ ރައީސް އިބްރާހިމް މަޤާމުން ދުރުކުރުން މާ ރަނގަޅު ކަމަށް ވިދާޅުވެފައެވެ.
”މިހާރުވެސް އެމްޑީޕީގެ ގޮތެއް ހުރިނަމަ ރައީސް ނަޝީދާއި އީވާ ބޭލުމަށްވުރެ މާ ރަނގަޅުވާނެ އިބްރާހިމް މުޙައްމަދު ޞޯލިހު ބޭލިއްޔާ“ އާދަމް ޝަރީފް ވިދާޅުވިއެވެ.
ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ނަމުގައި އައިސް ރައްޔިތުންގެ މުދަލާ ފައިސާ ނަގާ ރައީސްގެ އާއިލީ ބޭފުޅުންނަށް ބަހާ ހަދާއިރު ލަދު ހަޔާތުގެ ކަންފުޅެއް މި ސަރުކާރުގައި ނެތް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފްގެ ވާހަކަފުޅުގައި ވަނީ މިސަރުކާރުން އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމަށް ނުޙައްޤުން ޖަލުގައި އަނިޔާ ދެމުންދާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ރައީސް ޔާމީން އަށް ކޮށްފައިވާ ނުޙައްޤު ޙުކުމުން އެމަނިކުފާނަށް ޝަރުޢީ ނިޒާމުގެ ތެރެއިން ކާމިޔާބުވެ މިނިވަންވެ ވަޑައިގެން މި ޤައުމުގެ ވެރިކަމާ ހަވާލުވުމުގެ މަގު ތަނަވަސްވެގެން ދާނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
އާދަމް ޝަރީފްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ރައީސް ޔާމީންގެ ޙައްޤުގައި ވަރުބަލިކަމެއްނެތި ރެޔާ ދުވާލު މަސައްކަތް ކުރައްވާ ޕީޕީއެމްގެ އެންމެހާ މެމްބަރުންނަށް އިދިކޮޅު ލީޑަރޝިޕްގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.