ޚަބަރުސިޔާސީ

އިންތިޚާބަށް 3 މަހަށްވީމަ ޕްރޮޖެކްޓްތައް ފެށުމަކީ ވޯޓަށް ނުފޫޒު ފޯރުވުން: އާދަމް ޝަރީފް

ރިޔާސީ އިންތިޚާބަށް 3 މަހަށްވީމަ ސަރުކާރުން ޕްރޮޖެކްޓްތައް ފެށުމަކީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގެ ވޯޓަށް ނުފޫޒު ފޯރުވުން ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ކުރިއަށްއޮތް އިންތިޚާބާއި ދިމާކޮށް ރައީސް އިބްރާހިމް އާއިއެކު އިންޑިއާގެ ވަފުދެއް އައްޑޫސިޓީ އަށް ވަޑައިގެން ކުރިއަށްގެންދާ މަޝްރޫޢުތަކާއި ގުޅިގެންނެވެ.

މިކަމަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިޚާބަށް 3 މަހަށް ވީމަ ފަށާ ޕްރޮޖެކްޓްތައް ގުޅެނީ ވޯޓަށް ނުފޫޒު ފޯރުވުމާއިކަމަށެވެ. އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ޖަލަށްލައިގެން ބާއްވާ އިންތިޚާބެއް އިންސާފުވެރި ނުވާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ. މިއާއިއެކު އާދަމް ޝަރީފް ވަނީ ސަރުކާރުން ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ވަޒީފާތައް ބަހަމުންދާ މައްސަލައަށްވެސް އަލި އަޅުއްވާލައްވާފައެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، އައްޑޫގެ މަޝްރޫޢުތަކާއިގުޅިގެން އެސްޓީއޯގެ ކުރީގެ މެނޭޖިންގް ޑިރެކްޓަރު ޙުސައިން އަމްރު ކުރެއްވި ޓްވީޓެއްގައިވެސް ވިދާޅުވީ މިއީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް 3 މަހަށް ވީމަ ފޮޓޯއަށް ދެއްކި ވާހަކަ ތަކެއް ކަމަށާއި، އެކަންކަމަކީ މި 5 އަހަރުގެ ތެރޭގައި ކުރާނެ ކަމަށް 2018 ވަނަ އަހަރު ވައުދުވި ކަންކަން ކަމަށެވެ. އެއާއިއެކު އަމްރު ވިދާޅުވީ މި ހިނގާ 5 އަހަރު މިސަރުކާރުން ދުއްވާލީ އެއްވެސްކަމެއް ނުކޮށް ކަމަށެވެ.

އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް 8،000 އެނދު ޤާއިމުކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙު 2018 ވަނަ އަހަރު ވެލެއްވި ރިޔާސީ ވަޢުދެކެވެ. އެހެންނަމަވެސް އައްޑޫގައި ޤާއިމްކުރަން ނިންމާފައިވާ ޓުއަރިސްޓް އެނދުގެ އަދަދު މިހާރު އިޢުލާނުކުރެއްވި އިރު އެއްހާސް މަދުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް ވިދާޅުވީ، މިހާރު ޕްރޮޖެކްޓް ކުރެވިފައިވާ ތަފާތު މަޝްރޫޢުތައް ހިމެނޭއިރު، އައްޑޫ ސިޓީގައި އޮޮޕަރޭޓު ވެގެންދާނީ ޖުމްލަ 7000 ޓޫރިސްޓް އެނދު ކަމަށެވެ.

ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުގެ ސަރުކާރުގެ 5 އަހަރުގައި އައްޑޫ ސިޓީގެ ތަރައްޤީއަށް ވެފައިވާ ބޮޑެތި ވަޢުދުތައް ފުއްދައި ނުދީ ރިޔާސީ އިންތިޚާބް ބޯމަތިވެފައި ވަނިކޮށް އިންތިޚާބަށް ކަޑަ ޖަހާ އުސޫލުން ތަރައްޤީގެ ނަމުގައި އިންޑިއާގެ އެހީތެރިކަމާއިއެކު މަޝްރޫޢުތަކެއް ފެށުމަށް ނިންމާ އައްޑޫ ސިޓީއަށް މި ސަރުކާރުން ގެނައި ތަރައްޤީ ފާހަގަކުރަން މިރޭ އައްޑޫގައި ހަވާ އަރުވަން ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button