ޚަބަރުސިޔާސީ

އިންޑިއާގެ އަސްކަރީ ބާރު ފޯރުވޭ ބިންތަކެއް ދިނުމަށާއި ސިޔާދަތީ ބާރުވެރިކަން ނެގުމަށް އެގައުމުން ރާއްޖެއަށް ސިޓީއަކުން އަންގައިފި

އިންޑިއާގެ އަސްކަރީ ބާރު ފޯރުވޭ ބިންތަކެއް ދިނުމަށާއި ސިޔާދަތީ ބާރުވެރިކަން ނެގުމަށް އެގައުމުން ރާއްޖެއަށް ސިޓީއަކުން އަންގައިފިއެވެ.

އޮންލައިން ނޫހެއް ކަމުގައިވާ ”ދިޔަރެސް“ އިން ވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޑރ.ސުބްރަމަނިޔަން ޖައިޝަންކަރު ރާއްޖޭގެ ހާރިޖީވަޒީރު އަބްދުﷲ ޝާހިދަށް ފޮނުއްވާފައިވާ، ނުރައްކާތެރި ވާހަކަތަކެއް އެކުލެވޭ ސިޓީއެއް ލީކު ކޮށްލާފައެވެ.

އެ ނޫހުން ރިޕޯޓުކުރިގޮތުގައި ޖައިޝަންކަރުގެ މި ސިޓީއަކީ މިނިސްޓަރު ޝާހިދު ޖުލައި މަހުގެ 11 ވަނަ ދުވަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ދެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރެވުނު ކަންކަމާ ގުޅިގެން ޝާހިދަށް ފޮނުއްވި ސިޓީއެކެވެ.

އެ ނޫހުން ބުނިގޮތުގައި ސިޓީގައި ބަޔާންކޮށްފައި ނެތަސް  އުތުރުތިލަފަޅު އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް އިތުރުކުރާ ބަދަލެއް އެ އެއްބަސްވުމަށް އިންޑިއާއިން އެދިގެން ގެނެސްފައިވެއެވެ. އަދި މަސައްކަތް ކުރިއަށްދާ ގޮތް ބެލެހެއްޓުމަށް އެކުލަވައިލާފައިވާ ޖޮއިންޓް މޮނީޓަރިން ކޮމިޓީއަށް ބަދަލުތަކެއް ގެންނަން ނިންމާފައި ވެއެވެ.

މި ސިޓީގެ ކޮޕީއެއް ”ބޮންތި“ ނޫހަށް ލިބުމާގުޅިގެން ފޮރިން މިނިސްޓްރީގެ ރަސްމީ ބަހެއް ލިބޭތޯ އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލާއި ސުވާލު ކުރުމުން ވަނީ އެ މިނިސްޓްރީގެ ދެ ޓުވީޓެއް ހިއްސާކޮށްފައެވެ. އެ ދެޓުވީޓުގައި އޮތް ގޮތުން އެއީ އަސްލު ސިޓީއެއް ނޫނެވެ. މިނިސްޓްރީއިން ބުނިގޮތުގައި އެއީ ފޯޖުކޮށްފައި އޮތް ސިޓީއެކެވެ. އެކަމަކު އެނގިފައިވާގޮތުގައި އެ ސިޓީ އޮތީ ހާރިޖީ ވަޒީރު ޝާހިދުގެ އަތްޕުޅުގައެވެ. އަދި އެއީ ސައްހަ ސިޓީއެއް ކަން ބައެއް މަސްދަރުތަކުން މި ނޫހަށް ވަނީ ކިޔައިދީފައެވެ.

ޖައިޝަންކަރުގެ ސިޓީގައިވާގޮތުން އެ އެއްބަސްވުމުގެ މާއްދާތައް އިތުރަށް ވަރުގަދަކުރީ ދެ ގައުމަށް ފައިދާވާ ގުޅުން އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށެވެ. އަދި 4 ތާރީހެއްގައި ސޮއިކޮށްފައިވާ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ ލައިން އޮފް ކްރެޑިޓު ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތް ހެދުމަށް ނިންމާފައިވާކަން އެސިޓީން އެނގެއެވެ.

ސިޓީގައި ހިމަނާފައިވާ ކަންކަން

އިންޑިއާ އާއި ރާއްޖެއާއި ދެމެދު އެއްބަސްވެފައިވާގޮތަށް އަންމޭންޑް އޭރިއަލް ވެހިކަލް (މިލިޓަރީ ޑްރޯން) ރާއްޖޭގައި ބޭނުންކުރުން.

އެއީ ކޮން އެއްބަސްވުމެއްގެ ދަށުން ހިނގާ ކަމެއްކަމެއް ނުވަތަ އެ އެއްބަސްވުން ސަރުކާރުން ކުރިން ހާމަކޮށްފައެއް ނުވޭ.

މި ޑްރޯނުގެ އިތުރުން، 11 ޑްރޯނެއް ދިވެހި ސަރުކާރަށް ދިނުމުގެ ގޮތުން 550،000،000 އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިވެހި ސަރުކާރަށް ދިނުމަށް އިންޑިއާއިން އެއްބަސްވެފައިވުން.

އެ ޑްރޯނުތައް އޮޕަރޭޓުކުރާނީ އެކަމާ ގުޅޭ އެއްބަސްވުމުގައި ބުނެފައިވާ އުސޫލުގެ މަތިން އެމްއެންޑީއެފްގެ އޮފިސަރުން.

ތަމްރީނާއި އެހީތެރިކަން އެމްއެންޑީއެފްއަށް ފޯރުކޮށްދީ، ގާބިލުކަން އިތުރުކުރުމުގެ ގޮތުން އިންޑިއާއަށް ހދ.ހަނިމާދޫއާއި އައްޑޫ ސިޓީ ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓު ކައިރިން މަދުވެގެން 15 ހެކްޓަރުގެ ބިން 99 އަހަރުގެ މުއްދަތަށް އިންޑިއާއަށް ދިނުން.

އެ ބިންތައް މިސިޓީގައި ސިފަކޮށްފައިވަނީ ”Our Sovereign domain“ ނުވަތަ އެގައުމުގެ ސިޔާދަތީ ސަރަހައްދުގެ ގޮތުގައި.

މިހާރު ދީފައިވާ 29.9 ބިލިއަން ދިވެހި ރުފިޔާގެ ކްރެޑިޓް ލައިން އެއްބަސްވުމުގެ ދަށުން އިންޑިއާއިން ޕޭމަންޓެއް ހެދުމުން، އެ ބިންތައް ފުރަތަމަ ދޭ 99 އަހަރު ހަމަވަމުން އިތުރު މުއްދަތަށްވެސް އެ ބިންތައް އިންޑިއާއަށް ދިނުން.

ޕޭމެންޓު ހަދާ ގޮތެއްކަމަށް މި ސިޓީގައި ބުނެފައިވަނީ ރާއްޖެއިން އިންޑިއާއަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާއިން މިންވަރެއް އެގައުމުން މައާފުކޮށްދިނުން.

ފޮރިން މިނިސްޓްރީއިން މި ސިޓީ ދޮގުކުރިއިރު، ސިޓީގައި ބުނެފައިވާ މިލިޓަރީ ޑްރޯން އެމްއެންޑީއެފަށް ފޯރުކޮށްދިނުމާ ގުޅޭގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ކުރިން ހުންނެވި ހައިކޮމިޝަނަރު ސަންޖޭ ސުދީރަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ ސިޓީއެއް ފޮނުއްވަވާފައެވެ. އެ ސިޓީގައި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވާލާއެކު މާރިޔާ ކުރެއްވި މަޝްވަރާާތަކެއްގައި ޑްރޯން ޓެކްނޮލޮޖީ އެމްއެންޑީއެފްއަށް ފޯރުކޮށްދިނުމަށް އެދިފައިވާކަން ފާހަގަކޮށްފައިވެއެވެ.

މިސިޓީގައި އެމްއެންޑީއެފްގެ އޮފިސަރުން ޑްރޯނު އޮޕަރޭޓުކުރުމަށް ހަމަޖެހިފައިވާ ކަމަށް ބަޔާންކޮށްފައިވީނަމަވެސް، ދިވެހި ސިފައިންނަށް ހެލިކޮޕްޓަރާއި ޑޯނިއާ ނުދުއްވޭނެކަމަށް ބުނެ އެ އުޅަނދުތައް ދުއްވުމަށް ކަމަށް ބުނެ އިންޑިއާ ސިފައިން ރާއްޖޭގައި އަންނަނީ ގިނަ އަދަދަކަށް ހަރަކާތްތެރި ވަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button