
ދައުލަތުގެ ކުންފުނިތަކުގެ ހާލަތު ވަރަށް ދެރަ ކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވާހަކަ ދައްކަވަމުން ވިދާޅުވީ ސަރުކާރުގެ ބަދަލުވުމުގެ ކަންކަން ކުރިއަށްދާ އިރު އެކި މުއައްސަސާތަކާ ބައްދަލުކުރަމުންދާ އިރު އެ މުއައްސަސާތަކުން އެކި ކަންބޮޑުވުންތައް ލިބެމުންދާކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތައް ހިނގާލެވޭ ވަރަށްވެސް އެކުންފުނިތަކުގައި ފައިސާ ނެތް ކަމަށާއި ކުރިއަށް އޮތް ދެ މަހުވެސް އެ ކުންފުނިތައް ހިންގޭނީ ފައިސާ ލިބިގެން ކަމަށް ފިރުޒުލް ވިދާޅުވިއެވެ.
މީގެ އިތުރުން ހާއްސަ ގާނޫނެއްގެ ދަށުން މުސަތަގިއްލު މަސައްކަތްތަކެއް ކުރުމަށް ހުންނަ ދިވެހި ބަހުގެ އެކެޑަމީ ފަދަ މުއައްސަސާތަކާއި ބައްދަލުކުރާ އިރު ސިޔާސީ ނުފުޒުގެ ސަބަބުން އެ ބޭފުޅުންގެ މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަން އެ މުއައްސަސާތަކުގެ ބޭފުޅުން ފާހަގަކުރައްވާކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަދި އެ މުއައްސަސާތަކަށް ލިބެން ޖެހޭ ބެޖެޓާއި ވަސީލަތްތަކާއި އިންސާނީ ވަސީލަތްތައް ލިބުމުގެ ދަތިކަމުގެ ސަބަބުން އެ ބޭފުޅުން ކުރަން ބޭނުންވާ އިލްމީ ފަންނީ މަސައްކަތްތަކަށް ދަތިވަމުންދާ ކަންވެސް އޭނާ ފާހަގަކޮށްފައިވެއެވެ.
ދައުލަތުގެ ކުންފުނިތަކުގެ ހާލަތު ބަޔާންކުރައްވަމުން ފިރުޒުލް ވިދާޅުވެފައިވަނީ “ މިވަގުތަށް އަޅުގަނޑުމެންނަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ތެރެއިން ފާހަގަވާ އެއް ކަމަކި މިހެން ހުރި ވަރަށް ގިނަ އެސްއޯއީތަކުގެ ތެރެއިން ސަރުކާރުގެ ވައުދުތައް ފުއްދުމުގައި ނުވަތަ މަޝްރޫއުތައް ހިންގުމުގައި ވަރަށް ބޮޑަށް ޝާމިލުވާ އެސްއޯއީތަކަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި އެ ބޭފުޅުން ފާހަގަ ކުރައްވަމުން ގެންދަވާ ކަމަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ފަހު އެ ކުންފުނިތަކަށް ލިބެން ޖެހޭ ފައިސާ ނުވަތަ މަޝްރޫއުތަކުގެ އަގު ނުފެވި ހުރި ވަރަށް ބޮޑެތި އަދަދުތަކެއްގެ ސަބަބުން އެ ކުންފުނިތަކުގެކޭޝް ފްލޯއަށް ވަރަށް ބޮޑަށް ދަތިވެފައިވާކަން.“ އެވެ.
މިހެންކަމުން، ކުރިއަށް އޮތް ދެ މަހަށް ވެސް ބޮޑެތި އަދަދުތަކުން ކޭސް ފްލޯއަށް އިންޖެކްޓްކުރަން ޖެހޭން ކަމަށް ލަފާ ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.