ޚަބަރު

ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް!

ފެނަކަ ކޯޕަރޭޝަނުގެ ދަރަނި 4 ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފައިވާކަމަށާއި އެ ކުންފުނިން ފައިސާ ދޭންޖެހި ނުދީ ހުރި އަމިއްލަ ވިޔަފާރިތަކުގެ އަދަދު 1،149ށް އަރާކަމުގެ މައުލޫމާތު އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ލިބިފައެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވީ ސަރުކާރުގެ ޔުޓިލިޓީ ކުންފުނިތަކުން އެއްކުރި މައުލޫމާތުތަކުން މައިގަނޑު 3 މައްސަލައެއް ފާހަގަކުރެވުނު ކަމަށެވެ.

އެގޮތުން ކުންފުނިތަކުގެ ދަރަނީގެ ހާލަތާއި، މާލީ/އިދާރީ ހިންގުމުގައި އެއްވެސް ހަރުދަނާކަމެއް ނެތުމާއި، ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ކުންފުނިތައް ދައުލަތަށް ބުރައަކަށްވެފައިވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހު ތަރުޖަމާނު ފިރުޒުލް ފެނަކައަށް އަލިއަޅުއްވާ ވިދާޅުވީ 2022 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިގެ ދަރަނީގެ ގޮތުގައި 4.1 ބިލިއަން ރުފިޔާ އޮތްކަމަށެވެ. އޭގެތެރެއިން 3.2 ބިލިއަން ރުފިޔާއަކީ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް ދައްކަންޖެހޭ ފައިސާކަމަށެވެ. އަދި ލޯނުތަކަށް ދައްކަންޖެހޭ 901 މިލިއަން ރުފިޔާ އޮތްކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

އޭގެ އިތުރުން ފެނަކައިން ވިޔަފާރިތަކަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 950 މިލިއަނެއްހައި ރުފިޔާއަކީ އެ ފައިސާ ނުދައްކާ އޮވެ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ފައިސާކަމަށާއި ފެނަކައިން ފައިސާ ދޭންޖެހޭ 1149 ކުންފުނި އޮތްކަމަށް ފިރުޒުލް ވިދާޅުވިއެވެ.

މިހާލަތުގައި އޮތްއިރު ވެސް ފެނަކައިން ވަނީ ގިނަ އަދަދެއްގެ އައު ވަޒީފާތައް އުފައްދާފައިކަމަށާއި، 2018 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގައި 2756 މުވައްޒަފުން ތިބިއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަނީ 8126ށް އިތުރުވެފައި ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި 2018 ގައި މުވައްޒަފުންގެ މުސާރައަށް މަހަކު 23 މިލިއަން ޚަރަދުކުރިއިރު މިހާރު އެ އަދަދު 82 މިލިއަނަށް އިތުރުވެފައިވާކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ. ހަމައެހެންމެ، އެންމެ ބޮޑު ހައިރާންކަމެއް ލިބިފައިވަނީ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ފަހުން 747 އަށްވުރެ ގިނަ މުވައްޒަފުން ފެނަކައަށް ވަޒީފާއަށް ނަގާފައިވާތީ ކަމުގައި ވިދާޅުވިއެވެ.

ފެނަކައިގެ އިދާރީ ހިންގުމަށް ނަޒަރު ހިންގައިލާ ފިރުޒުލް ވިދާޅުވެފައި ވަނީ 2022 ވަނަ އަހަރުގެ ބަޖެޓު ފާސްކޮށްފައި ވަނީ 1.6 ބިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެއްގެ ގޮތުގައި ކަމަށާއި، 2023 ވަނަ އަހަރު ބަޖެޓު ފާސްކޮށްފައި ވަނީ 960 މިލިއަން ރުފިޔާގެ ޑެފިސިޓު ބަޖެޓެއްގެ ގޮތުގައި ކަމަށެވެ.

އެހާ ބޮޑު ޑެފިސިޓަކާއެކު ބަޖެޓު ފާސްކޮށްފައިވީ ނަމަވެސް އެ ކުންފުނީގެ ބަޖެޓުގައި ޑެފިސިޓަށް ފައިނޭންސް ކުރާނެ އެއްވެސް ގޮތެއް ހިމަނާފައި ނުވެމެ، ދަރަނި އަދާކުރުމަށާއި ޚަރަދުތައް ހަމަޖެއްސުމަށް ބޮޑެތި އިންޓަރެސްޓުގައި ލޯނުތައް ނަގާފައިވާކަން ފިރުޒުލް ފާހަގަ ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button