ޚަބަރުސިޔާސީ

52 މިލިއަން ރުފިޔާ ދައުލަތަށްދޭން ރައީސް ޔާމީނަށް އެންގި އަމުރު ބާތިލުކޮށްފި

52 މިލިއަން ރުފިޔާ ދައުލަތައް ދައްކަން ރައީސް ޔާމީނަށް އެންގި އަމުރު ހައިކޯޓުން ބާތިލްކޮށްފިއެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު 25 ވީ ދުވަހު، ރިޝްވަތު ގަބޫލުކުރުމުގެ ކުށާއި މަނީ ލޯންޑަރިންގ ކުށް، ރައީސް ޔާމީނުގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ހުކުމް ކޮށްފައިވާއިރު، އޭގެ ދެމަސް ފަހުން އެހުކުމާއި ގުޅުވައިގެން ކްރިމިނަލް ކޯޓުންވަނީ އެމަނިކުފާނުގެ މައްޗަށް 52 މިލިއަން ރުފިޔާ ދައުލަތަށް 6 މަސް ތެރޭފައި ދެއްކުމަށް އަންގައި އަމުރެއް ނެރެފައެވެ.

ރައީސް ޔާމީނުގެ ފަރާތުން އެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ހައިކޯޓުން ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލުކޮށްފައިވާއިރު، އެ ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތްގޮތުން ކުށްކޮށްގެން ހޯދާ މުދަލާއ ފައިސާ ދައުލަތަށް ނަގަން އަމުރު ކުރެވޭނީ ހުކުމް ކުރާ ވަގުތުގައި ކަމަށެވެ. އަދި ފަހުން ފެންނަ މުދަލާއި ފައިސާއެއްނަމަ ފަހުން ނެރޭ އަމުރެއްގެ ދަށުން ކަމަށެވެ.

މީގެ އިތުރުން، އެ މައްސަލައިގައި ކުށްކޮށްގެން ހޯދި ފައިސާއަކީ ކޮބައިކަން ބަޔާންކޮށްފައިވީނަމަވެސް، ކްރިމިނަލް ކޯޓުން ހުކުމްކުރި ވަގުތު އެ ފައިސާ ދައުލަތަށް ނަގަން އަމުރު ކޮށްފައިނުވާކަމަށް ހައިކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.

އެހެންކަމުން، ފުރަތަމަ އަމުރު ނެރުނު ފަހުން، އޭގެ ދެމަސް ފަހުން ނެރުނު އަމުރުގައި އެ ފައިސާ ދައްކަން އަންގަންޖެހޭ ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވާއިރު، އެ އަމުރު ނެރުމުގެ ކުރިން ރައީސް ޔާމީނަށް އެކަމާ ގުޅިގެން ވާހަކަ ދައްކަވަން ފުރުސަތު ދީފައިނުވާކަންވެސް ހައިކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.

އަދި ފަހުން ނެރުނު އަމުރު ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވަނީ އެމަނިކުފާނު ޖަލަށްލާން ހުކުމްކުރިތާ ދެމަސް ފަހުން ދައުލަތުން ފޮނުވި ސިޓީއަކާ ގުޅިގެންކަމަށާއި އެއީ ގާނޫނާ ހިލާފަށް ކޮށްފައިވާކަމެއްކަމަށް ހައިކޯޓުން ބުނެފައިވެއެވެ. އެގޮތުން އެ ހުކުމް އިއްވުމަށްފަހު ހުކުމަށް އިތުރު ބަދަލެއް ނުގެނެވޭނެކަމަށާއި، ހަމައެކަނި ގެނެވޭނީ އިމްލާ ކުށް އިސްލާހުކުރުމުގެ ބަދަލަށްވާއިރު، ކްރިމިނަލް ކޯޓުން އަމަލުކުރި ގޮތަށް މީގެ ކުރިން އެހެން ކޯޓަކުން އަމަލުކޮށްފައިނުވާކަމަށްވެސް ހައިކޯޓުން ނެރުނު ހުކުމުގައި ބުނެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button