އިސޫއަށް ޖަލުގައި ލާއިންސާނީ އަނިޔާ ދިން މައްސަލައެއް ފެންމަތިވެއްޖެ

ނޫސްވެރިޔާ އަޙްމަދު ރިޟްވާން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައާ ގުޅިގެން ޒަމާންތަކެއް ފަހުން ދަޢުވާ އުފުލާ މާފުށީ ޖަލުގެ އަނިޔާވެރި ހަރުކަށި ޔުނިޓުގައި ބަންދުކޮށްފައިވާ އިސްމާއީލް އަބްދުއްރަހީމް (އިސޫ) އަށް މޭ 26 ވީ ހުކުރު ދުވަހު ޝިފްޓު ކޮމާންޑަރު ސްޓާފް ސާރޖަންޓް ޒަރީރު އިސްވެ ހުރެ ލާއިންސާނީ އަނިޔާތަކެއް ކޮށްފިކަމަށް އޭނާގެ އާއިލާއިން ހާމަކޮށްފިއެވެ.
އިސޫގެ އާއިލާ މެމްބަރަކު މިކަން ހާމަކޮށް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އިސޫ އާއި މާފުށީ ޖަލުން ބައްދަލުވެ ވާނުވާ އޮޅުންފިލާފައިވާ ކަމަށާއި، އިސޫ ހުރި ގޮޅިން ފެންހުސްކުރި 1.5 ލީޓަރުގެ ފުޅިތަކެއް ނެރެން ދެކޮޅު ހެދުމުން އީއެސްޖީ ޔުނިޓުގެ ހަތް އޮފިސަރަކު ގޮޅިތެރެއަށްވަދެ އޭނާއާށް އަނިޔާކުރި ކަމަށެވެ. އެ އޮފިސަރުން އިސޫގެ ޖިންސީ ގުނަވަނަށް ވެސް އަނިޔާކުރި ކަން އޭނާ ވަނީ ހާމަކޮށްފައެވެ.
”ބޫޓުން ތެޅީ އުނަގަނޑާއި ކުރިމަތީފަރާތުގައި. މޭ 26 ވީ ހުކުރު ދުވަހު ޝިފްޓު ކޮމާންޑަރު ސްޓާފް ސާރޖަންޓް ޒަރީރު އިސްވެހުރެ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އިސޫއަށް ވަރަށް އަނިޔާކޮއްފައި ވަނީ“ އާއިލާ މެންބަރު ބުނެފައިވެއެވެ.
މީގެއިތުރުން މި މަހުގެ 28 ވަނަ ދުވަހު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަންގައިގެން އިންސްޕެކްޓާރ އޮފް ކަރެކްޝަނަލް ސާރވިސް ޖަލަށް ޒިޔާރަތްކޮށް އިސޫއާއި ބައްދަލުކޮށްފައިވާ ކަމަށާއި ހާދިސާއާއިބެހޭ އަދި ޖުމްލަަކޮށް ކަރެކްޝަނުން އޭނާގެ ސިއްހީ އަދި އެހެނިހެން ކަންކަމާއި ދޭތެރޭ ވާ އިހުމާލުގެ މައުލޫމާތު ނަގާފައި ކަމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.
މޭ 26 ވީ ހުކުރު ދުވަހު ޝިފްޓު ކޮމާންޑަރު ސްޓާފް ސާރޖަންޓް ޒަރީރު (ފޮޓޯގައި) އިސްވެހުރެ ހާލަތާނުބައްދަލު ބާރުބޭނުންކޮށް އިސޫއަށް ވަރަށް އަނިޔާކޮއްފަވަނީ. pic.twitter.com/gOZk7UZzyS
— m_ass_u (@m_ass_u) May 30, 2023
ޒަމާންތަކަކަށްފަހު އިސޫ ހައްޔަރުކޮށް އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ އުފުލާފައިވަނީ ރައީސް ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް އާންމުވުމުން އެކަމާއި ގުޅިގެން އޭނަ ހައްޔަރު ކުރުމަށް ގޮވާލައި ސޯޝަލް މީޑިއާގައި ވަރަށް ގަދަޔަށް އަޑު އުފުލަމުން ދަނިކޮށެވެ.