
އިންތިހާބީ ރައީސްގެ އޮފީހުގެ ވެރިޔާ އަބްދުއްރަހީމް އަބްދުﷲ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.މުއިއްޒަށް ދެވަނަ ދައުރެއް ދިނުމުގެ ވިސްނުން އިދިކޮޅުގައި އޮތްކަން ހާމަކުރައްވާފައިވެއެވެ.
ޑރ.މުއިއްޒަށް ދެވަނަ ދައުރެއް ދޭން ބޭނުންވާކަމަށް ހާމަކުރައްވައި އިއްޔެ އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ފަސް އަހަރު ފަހުން އަނެއްކާވެސް ޑރ.މުއިއްޒު ގޮވައިގެން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަންނަނީ 10 އަހަރުގެ ވެރިކަމެއް ކުރަން ކަމަށެވެ.
ވެރިކަމާ ހަވާލުވުމަށްފަހު އިންތިހާބުވެފައިވާ ރައީސަކަށް ދެވަނަ ދައުރެއް ދޭން ރައްޔިތުން ބޭނުން ނުވުމާ ގުޅޭގޮތުން ”ސަންގު“ ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ.މުއިއްޒު ވިދާޅުވީ އެގޮތަށް ދިމާވާ އެއް ސަބަބަކީ އެއް މިސްރާބެއްގައި ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމުގައި ސަރުކާރަށް ހިފަހައްޓައި ނުލެވުމެވެ.
”.. ރައްޔިތުން ބޭނުންވާނީ ހަމަޖެހޭ ގޮތެއްގައި ގައުމުގެ ކަންކަން ހިނގަން، އެހެންވީމާ ވަކި ހިސާބަކުން ރައްޔިތުން ދޫކޮށްލާފައި އެހެން ގޮތަކަށް ދާން ހިނގައިފިއްޔާ އަޅުގަނޑަށް ވެސް ނޯންނާނެ އިތުބާރު ކުރަންވީ ސަބަބެއް. ސަބަބެއް އޮވެގެން ދެއްތޯ އިތުބާރު ކުރާނީ.“ ޑރ. މުއިއްޒު ވިދާޅުވިއެވެ.
ޑރ.މުއިއްޒު އިތުރަށް ވިދާޅުވެފައިވަނީ ސަރުކާރު ހިންގަން ޖެހޭނީ ރައްޔިތުންނާ ގުޅިގެން ރައްޔިތުންނާ ގާތުން ކަމަށާއި، ރައްޔިތުން އެދޭ ކަންކަން ހާސިލްވެއްޖެ ކަމުގެ އިހުސާސް އެމީހުންނަށް ކުރެވެން ޖެހޭނެކަމަށެވެ.
”އެގޮތަށް، އަޅުގަނޑު ގަސްތު ކުރަނީ އިރާދަކުރެއްވިއްޔާ ކުރިއަށްދާން، ރައްޔިތުންގެ ސަރުކާރެއް އިރާދަކުރެއްވިއްޔާ ޑޭ ވަން އިން ފެށިގެން (ސަރުކާރު) ހިންގަން. އަޅުގަނޑަށް ގަބޫލު ކުރަނީ، ފުރަތަމަ ދުވަހުން ފެށިގެން ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާކަމަށް ވަންޏާ ދެވަނަ ދައުރެއްވެސް ދެއްވާނެއޭ،“ އިންތިހާބީ ރައީސް ވިދާޅުވެފައިވެއެވެ.
މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހާއި ވާދަކުރައްވާ މިދިޔަ މަހު 30 ގައި އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޑރ. މުހައްމަދު މުއިއްޒު ކާމިޔާބުކުރައްވާފައިވަނީ 19،000 ވޯޓަށްވުރެ ބޮޑު ތަފާތަކުންނެވެ. ޑރ.މުއިއްޒު ވެރިކަމުގެ ހުވާ ކުރައްވާނީ ނޮވެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ.