ފަސްޓް ޑިވިޝަން ފުޓުބޯޅަ ކްލަބް ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު (މުއާބެ) މައްޗަންގޮޅި ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމަށް ކުރިމަތިލާން ނިންމައިފިއެވެ.
އެގޮތުން މުއާބެ ކުރިމަތިލުމަށް ނިންމާފައިވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުންނެވެ.
މުއާބެ އަކީ ފުޓްބޯޅަ ދިރުވައި އާލާކުރުމާއި އެރޮނގުން ރާއްޖެއަށް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ޒުވާނެއްކަން ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ޕީޕީއެމް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުން މިނިވަންކުރުމަށް އަޑު އުފުލައި އިދިކޮޅުން ހިންގި ހަރަކާތުގައި އެ ކްލަބާއި ދާއިރާގެ އެތައް ބަޔަކު ގޮވައިގެން ރެއާއި ދުވާލު މަގުމަތީގައި ވަރުގަދަ މަސައްކަތްތަކެއް މުއާބެ ވަނީ ކޮށްފައެވެ.
ހާއްސަގޮތެއްގައި އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް (ސެންބެ) ގެ އަރިހުގައި މުއާބެ ވަނީ ސިޔާސީ ވަރުގަދަ މަސައްކަތްތަކެއް މިހާތަނަށް ކޮށްފައެވެ.
ފެށޭއަހަރުގެ ކުރީކޮޅުގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާކަން ވަރަށް ގިނަ ބަޔަކު އަންނަނީ އިއުލާން ކުރަމުންނެވެ.އެގޮތުން، ކުރީގެ މެންބަރުންނާއި ކުރިންނާއި އަދި މީހާރު ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި ސިޔާސީ މަސްރަހުން އަދި ނުފެންނަ ނަމަވެސް އެހެން ދާއިރާތަކުން މަޝްހޫރު ބޭފުޅުންވެސް ހިމެނެއެވެ.