
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މައްޗަންގޮޅި އުތުރު ދާއިރާގެ ރައީސް އަދި މަޝްހޫރު މިއުޒިޝަން އަބްދުﷲ ޒިފާން ޒާހިދު (ޑިފީ) އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ކުރިމަތިލާން ނިންމައިފިއެވެ.
އެދާއިރާގެ މެމްބަރު ކަމަށް ޑިފީ ކުރިމަތިލާން ނިންމާފައިވާކަން އެކްސްކޮމް ގައި އޭނާ ވަނީ ހާމަކޮށްފައެވެ.
“މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންްނަށް ކުރިއެރުމާއި އުފާ ފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ ނިޔަތުގައި އަޅުގަނޑު މިދާއިރާގެ މެންބަރުކަމަށް ކުރިމަތިލާން ގަސްތު ކޮށްފިން” ޑިފީގެ އެކްސްކޮމްގައި ހިއްސާކޮށްފައިވެއެވެ.
ވޭތުވެދިޔަ ފަސް އަހަރު އިދިކޮޅު މަގުމަތީގައި އޮތް އިރު، ޑިފީއަކީ މުޒާހަރާތައް ކަވަރު ކުރުމާއި ހަރަކާތްތައް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ޕީޕީއެމް ޕީއެންސީގެ ތެރެއިން ފެނިގެންދިޔަ ޒުވާނެކެވެ. ހާއްސަގޮތެއްގައި ފުލުހުން އެއްވުންތައް ރޫޅާލާއިރު، އެ މަންޒަރުތައް ވީހާވެސް ގާތުން ގެނެސްދިނުމުގައި އޭނާގެ ދައުރު ފެނިގެން ގޮސްފައި ވެއެވެ.
ސިޔާސީ މަސްރަހުގައި ވޭތުވެދިޔަ ދުވަސްތަކުގައި އެންމެ ”ވައި ހިއްޕާލި“ ލަވަތައް ކަމުގައިވާ ފެލާލައިފި، ކަނޑުފޭރޭ ޗޯރު، އިންޑިއާ މިލިޓަރީ އައުޓް، ޗޯރު އިބުރޭ ފަދަ ލަވަތަކުގެ މިއުޒިކާއި އެރޭންޖުމެންޓަކީ ޑިފީގެ އަމިއްލަ އުފެއްދުންތަކެވެ.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަންކުރުމަށް ގޮވާލައި އަޑު އުފުލުމަށް ހިންގި ހަރަކާތްތަކާއި، މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެދާއިރާގެ މެޖޯރިޓީ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ހޯދައިދިނުމުގައިވެސް އޭނާގެ ލީޑާޝިޕް ފެނިގެންދިޔައެވެ.
ފެށޭއަހަރުގެ ކުރީ ކޮޅުގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާކަން ވަރަށް ގިނަ ބަޔަކު އަންނަނީ އިއުލާން ކުރައްވަމުންނެވެ. އެގޮތުން، ކުރީގެ މެންބަރުންނާއި ކުރިންނާއި އަދި މީހާރު ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި ސިޔާސީ މަސްރަހުން އަދި ނުފެންނަ ނަމަވެސް އެހެން ދާއިރާތަކުން މަޝްހޫރު ބޭފުޅުންވެސް ހިމެނެއެވެ.