
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރާ އަބްދުﷲ ޒިފާން ޒާހިދު (ޑިފީ) ގެ ކެންޑިޑޭަސީ ފޯމު ޕީއެންސީ އޮފީހަށް ހުށަހަޅައިފިއެވެ.
މައްޗަންގޮޅި އުތުރު ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި މިވަގުތު ހުރި އަދި ޕީޕީއެމްގެ ހަރަކާތު ކޮމެޓީގެވެސް އިސް ދައުރެއް އަދާކުރި ޑިފީ މަޖިލީހަށް ނިކުތުމުގެ މައިގަނޑު އަމާޒަކީ ދާއިރާގެ ޒަމާންވީ މައްސަލަތައް ނިމުމަކަށް ގެނައުމެވެ.
ޑިފީގެ ތަސައްވުރުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ދާއިރާގެ ރައްޔިތުން ދިރިއުޅެމުންދާ ހަނި ކުދި ގެތަކުގެ ހާލަތު ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ބަދަލު ކުރުމެވެ. އެގޮތުން ތޮއްޖެހުމުން އަރައިގަނެ، ހަމަޖެހުން ގާއިމްވެފައިވާ ދާއިމީ ބޯހިޔާވަހިކަމެއްގެ ވެރި ބަޔަކަށް ދާއިރާ ހެދުމަކީ ޑިފީ އަމަލީގޮތުން މަޖިލީހުގައި ކުރާނެ އެންމެ ބޮޑުަ މަސައްކަތް ކަމުގައި އޭނާ އެކަން ފާހަގަކުރެއެވެ. އަދި މަޖިލީހުގެ އިތުރުން އެ ސިޔާސަތު ތަންފީޒު ކުރުމަށް ސަރުކާރާއި ގުޅިގެން ކުރާ މަސައްކަތުގައި ކާމިޔާބުގެ މަންޒިލަށް ދަތުރު ކުރެވޭނޭކަމުގެ ޔަގީންކަން ޑިފީ ވަނީ ދީފައެވެ.
ޑިފީގެ މެންބަރު ކަމުގައި ބޭސްފަރުވާ އާއި ވަޒީފާ އަދި ތަފާތު އެކި ހިދުމަތްތަކާއި، ދާއިރާގެ ރައްޔިތުންގެ މުހުތާދުތައް ފިލުވުމުގައި، ސަރުކާރާއި ދެމެދު ކުރެވޭ މުއާމަލާތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނެސްގެން ހައްލު ހޯދިގެންދާނެއެވެ.
”އެއްވެސް ކަމެއްގަ ރައްޔިތުން އިންތިޒާރުގައި ގިނައިރު ބައިތިއްބައިގެން ނުވާނެ. ހިތާއި އަމަލުން ކަންކަން ހާސިލްކުރަން އުޅެންޏާ އަސްލު ނުވެ ނުހުންނާނެ. މިކަން ނިންމާނީ އަޅުގަނޑު.“ ޑިފީ ބުންޏެވެ.
ދާއިރާގެ ޒުވާނުންނާއި އަންހެނުންނަކީ މާލީގޮތުން ބާރުވެރި ބަޔަކަށް ހެދުމުގެ ގޮތުން ސީދާ ކޯޕަރޭޓް މޮޑިއުލް އުސޫލުން ނޫނަސް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އޮންނަ ގާނޫނުތަކާއި ގަވައިދުތައް މުރާޖާކޮށް، ގެންނަ ޖެހިއްޖެ ކޮންމެ އިސްލާހެއް ގެނައުމަކީ ޑިފީގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ކަމެކެވެ.
ޓެކްނޮލޮޖީއަށް ފަރިތަ ޖީލެއް ބިނާކޮށް، ސްމާޓް ޓައުނަކަށް ދާއިރާ ހަދައި، ހިދުމަތްތަކަށް އިތުރު ލުއިފަސޭހަ ގޮތްތައް ހޯދުމުގެ ގޮތުން އެކަމަށް ހަދަންޖެހޭ ރިސާޗު އެއް އަހަރު ދުވަހުގެ ތެރޭގައި ހަދައި، ތަންފީޒު ކުރާނެ ގޮތުގެ ޕްލޭން އެކުލަވާލެވޭނެއެވެ. އަދި އެ ޕްލޭންގެ ދަށުން ހިންގޭ ޕްރޮޖެކްޓްތަކުގެ ފައިދާ، ސީދާ ދާއިރާގެ ޒުވާނުންނަށް ފަހިކޮށްދޭނެ ނިޒާމެއް ގާއިމްކޮށް، 3 އަހަރުގެ މުއްދަތެއްގެ ތެރޭގައި އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.
މީގެ އިތުރުން މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދާއިރާގެ ދަރިވަރުންނަށް ސަރުކާރުން މިހާރު އޮންނަ ފުރުސަތުތަކުގެ ދަށުން ނެގޭ ސްޓޫޑެންޓް ލޯނު ލުއިކުރުމަށް މަޖިލީހުގެ ތެރެއިން ބާރުއެޅުމަކީ ޑިފީ ދެކޭގޮތުގައި، ތަކުލީފުން އެއްކިބާވެގެން ތިބެ ތައުލީމީ ގާބިލް ޖީލެއް ބިނާކުރުމަށް އޮތް ފުރުސަތު ފުޅާވުމެވެ.
ވޭތުވެދިޔަ ފަސް އަހަރު އިދިކޮޅު މަގުމަތީގައި އޮތް އިރު، ޑިފީއަކީ މުޒާހަރާތައް ކަވަރު ކުރުމާއި ހަރަކާތްތައް ރާވައި ހިންގުމުގައި އެންމެ އިސްކޮށް ޕީޕީއެމް ޕީއެންސީގެ ތެރެއިން ފެނިގެންދިޔަ ޒުވާނެކެވެ. ހާއްސަގޮތެއްގައި ފުލުހުން އެއްވުންތައް ރޫޅާލާއިރު، އެ މަންޒަރުތައް ވީހާވެސް ގާތުން ގެނެސްދިނުމުގައި އޭނާގެ ދައުރު ފެނިގެން ގޮސްފައި ވެއެވެ.
”ކުރި ހުރިހާކަމެއް ކުރީ ދިވެހީންގެ ހައްގުގަ. މިއަދު އެ އުފާ ލިބިގަންނަން. އެކަމަކު ރައީސް މުއިއްޒުގެ ސަރުކާރު މަޖިލީހުގެ ތެރެއިން ދިފާއުކުރަން ކެރޭ މީހުން އެތަނުގަ ތިބެންޖެހޭ. ކެރިގެން މި ހުރީ އެ އަޒުމުގަ.“ ޑިފީ ބުންޏެވެ.
ޕިއާނޯ ކުޅުމާއި، ލަވަ ކިޔުމާއި، މިއުޒިކް ކޮމްޕޯޒު ކުރުމުގެ އިތުރުން އަމިއްލަ ޕްރޮޑަކްޝަނެއް އޮތް ޑިފީއަކީ ސިޔާސީ މަސްރަހުގައި ވޭތުވެދިޔަ ދުވަސްތަކުގައި އެންމެ ”ވައި ހިއްޕާލި“ ލަވަތައް ކަމުގައިވާ ފެލާލައިފި، ކަނޑުފޭރޭ ޗޯރު، އިންޑިއާ މިލިޓަރީ އައުޓް، ޗޯރު އިބުރޭ ފަދަ ލަވަތަކުގެ މިއުޒިކާއި އެރޭންޖުމެންޓުގެެ މޭސްތިރިޔާއެވެ.
”އެނޫންގޮތެއް އޭރު ނެތީ. ގައުމަށްޓަކައި ކޮށްދިން ކަމެއް އެއީ.“ ޑިފީ ބުންޏެވެ.
ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަންކުރުމަށް ގޮވާލައި އަޑު އުފުލުމަށް ހިންގި ހަރަކާތްތަކާއި، މިފަހަރުގެ ރިޔާސީ އިންތިހާބުގައި އެދާއިރާގެ މެޖޯރިޓީ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ހޯދައިދިނުމުގައިވެސް އޭނާގެ ލީޑާޝިޕް ފެނިގެންދިޔައެވެ.