ޚަބަރު

ޝަރުތު ހަމަނުވާކަމަށް ބުނި މީހަކަށް ގޯތިދޭން ހުކުމްކޮށްފި

ބިންވެރިޔާ ސްކީމްގެ ދަށުން ގޯއްޗަށް ކުރިމަތިލި މީހުންގެ ތެރެއިން ޝަރުތު ހަމަނުވާ ކަމަށް ބުނެ ވަގުތީ ލިސްޓުގައި ހިމަނާފައިނުވާ މީހަކަށް ގޯތިދޭން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ މާލޭ ދަފްތަރު ނަންބަރު 234، ފާތިމަތު އަހްމަދަށް ޝަރުތު ހަމަނުވާކަމަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި އޭނާގެ ޝަރުތު ހަމަވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ބިންވެރިޔާ ސްކީމްގެ ވަގުތީ ލިސްޓު ނެރުނުއިރު ފާތިމަތު އަހުމަދުގެ ނަން ލިސްޓުގައި ހިމެނިފައެއް ނެތެވެ. އެކަމުގެ މައުލޫމާތު ސާފުކުރުމުން އެނގުނީ އޭނާގެ ރަޖިސްޓްރީ މައްސަލައަކާއި ގުޅިގެން ޝަރުތު ހަމަނުވަނީ ކަމަށެވެ. ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް)އިން ދޫކުރި ސައްހަ ނޫން މައުލޫމާތެއްގައި ފާތިމަތު އެންމެ ފުރަތަމަ އައިޑީކާޑު 1985ގައި ހައްދައި ރަޖިސްޓްރީވެފައިވަނީ މ. މުލައް ރަށްވެއްސެއްގެ ގޮތުގައިކަމަށް ބުނެފައި އޮތުމުންނެވެ. އަދި ފަހުން 1996 ވަނަ އަހަރު އޭނާވަނީ އެ ރަށުގައި އޭނާ ރަޖިސްޓްރީވެފައިވާ އެޑްރެހުން ނަން އުނިކޮށް، މާލޭ ދަފްތަރުގައި ނަން ޖައްސައި އަލުން ކާޑު ހައްދާފައިކަމަށް ބުނެފައި އޮތުމުންނެވެ.

މި މައްސަލަ ފާތިމަތު އަހުމަދު ވަނީ ކޯޓަށް ހުށަހަޅާފައެވެ. އަދި އެއީ ސައްހަ ނޫން މައުލޫމާތެއް ކަމަށާއި އޭނާއަކީ އުފަން މާލޭގެ މީހެއްކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ. އެގޮތުން އޭނަގެ އުފަންދުވަހުގެ ސެޓްފިކެޓް ވަނީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައެވެ.

އެ ސެޓްފިކެޓުން އެނގެން އޮތް ގޮތުގައި ފާތިމަތު އަހުމަދު އުފަންވީ 1969 ވަނަ އަހަރު ހ. މަދަރާގެއަށް ކަމަށާއި ހ. މަދަރާ ގޭގައި ރަޖިސްޓްރީ ވެފައިވުމުގެ ކުރިން އެހެން އެއްވެސް ގެއެއްގައި ރަޖިސްޓްރީވެފައިނުވާ ކަަން އެނގެން އޮތްކަމަށް ވެސް ކޯޓުގެ ހުކުމުގައި ވެއެވެ.

ސިވިލް ކޯޓުގައި މި މައްސަލަ ބެއްލެވި ގާޒީ ފައިސަލް އާދަމް ވަނީ ބިންވެރިޔާ ސްކީމުގެ ދަށުން އޭނާގެ ޝަރުތު ހަމަވާ ކަމަށް ނިންމައި، ސްކީމުގެ ދަށުން ލިބެންވާ މިންވަރުގެ ގޯއްޗެއް ދިނުމުގެ އިންތިޒާމު ހަމަޖައްސައި ދިނުމަށް ހައުސިން މިނިސްޓްރީއަށް ހުކުމްކޮޮށްފައެެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button