ޚަބަރުސިޔާސީ

މެދު ހެންވޭރު ދާއިރާގެ މަޖިލިސް ގޮނޑިއަށް ވީބީ ހަސަން!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވީބީ ބްރަދާސްގެ މެނޭޖިން ޑިރެކްޓަރު އަދި އެދާއިރާގެ ޕީޕީއެމްގެ ރައީސް ހަސަން ޝިޔާމް, މެދު ހެންވޭރު ދާއިރާއަށް ވާދަކުރެއްވުމަށް ނިންމަވައިފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ވީބީ ހަސަން މެދު ހެންވޭރަށް ވާދަ ކުރައްވަނީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕާއި އާންމު މެންބަރުންގެވެސް ފުރިހަމަ ތާއީދާއެކުގައެވެ.

އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިފަހަރު މެދު ހެންވޭރު ދާއިރާގެ ހަތަރު ވޯޓު ފޮށިން ބޮޑު މެޖޯރިޓީއެއް ހޯއްދަވާފައިވާއިރު، އެކެމްޕެއިނުގައި ހަސަންގެ ވަރަށް ބޮޑު އެހީތެރިކަމެއް ޕީއެންސީ އަށާއި މުއިއްޒުގެ ކެމްޕެއިން ޓީމަށް ލިބިގެން ދިޔަ އެވެ. އެގޮތުން ދާއިރާގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ހަސަން ވަނީ އެދާއިރާގެ ގިނަ ބައެއްގެ ވޯޓު މުއިއްޒަށް ހޯއްދަވައިދެއްވާފައެވެ. އަދި ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ހިންގުނު ހަރަކާތްތަކަށްވެސް ހަސަން ވަރަށް ބޮޑުގެ އެހީތެރިކަމެއް ވަނީ ލިބިފައެވެ.

އިނގިރޭސިވިލާތުގެ ނޮޓިންގހަމް ޓްރެންޓް ޔުނިވާސިޓީއިން ބިޒްނަސް އެންޑް މެނޭޖުމެންޓް ދާއިރާއިން ބެޗެލާސް އޮފް ހޮނާޒް ހާސިލް ކުރައްވާފައިވާ ހަސަން ފާހަގަވެފައިވަނީ ރާއްޖޭގެ ޓްރޭޑިންގ ވިޔަފާރީގައި ކާމިޔާބު ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން އޭނާގެ އާއިލީ ވިޔަފާރި ވީބީ ބްރަދާސް އަށް 2005 ވަނަ އަހަރުން ފެށިގެން އައި ބޮޑެތި ބަދަލުތަކުގައި ހަސަންގެ ދައުރު ބޮޑެވެ. އަދި ޖެހިގެން އައި 2006 ވަނަ އަހަރު އޭނާ ވަނީ ޕްލެޓީނިއަމް ކެޕިޓަލް ހޯލްޑިންގްސްގެ ވިޔަފާރީގައި ހަރަކާތްތެރިވާން ފައްޓަވާފައެވެ

މީގެ އިތުރުން ފަތުރުވެރިކަމުގެ ބޮޑެތި ބްރޭންޑުތަކާއި އަމިއްލަ ކޮންސެޕްޓްތައް ތަރައްގީ ކުރައްވައި ކާމިޔާބު މަސައްކަތްތަކެއް އެ ދާއިރާގައި ކުރެއްވުމުގައި ހަސަނަކީ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން އޭނާ މިހާރުވެސް ގެންދަވަނީ ވިލަމެންދޫ އައިލެންޑް ރިސޯޓް އެންޑް ސްޕާގެ ޑިރެކްޓަރު ކަމުގެ މަގާމު އަދާ ކުރައްވަމުންނެވެ.

ހަސަނަކީ މިއަދު އޭނާގެ އަމިއްލަ ވިޔަފާރި ކަމުގައިވާ ވާލީ އިންޓަނޭޝަނަލް އިން ކޮލެޓީ އަދި އިތުބާރު ހިފޭ ބްރޭންޑުތައް ރާއްޖެއަށް އިމްޕޯޓްކޮށް ޑިސްޓްރިބިއުޓް ކުރާ ފަރާތެކެވެ. ތުރުކީގެ މަޝްހޫރު ޑޯނާ ކެބާބްގެ ރަހަމީރު ޕިއްޒާ އާއި ޔުފްކާގެ އިތުރުން އޭނާ އަކީ މޫވެންޕިކް އައިސްކްރީމްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button