ޚަބަރުސިޔާސީ

6 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު މަޖިލީހަށް ފޮނުވާނެ

6 ބިލިއަން ރުފިޔާވެ ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމައިފިއެވެ.

މި އަހަރަށް ފާސްކުރެވިފައިވާ ދައުލަތުގެ ބަޖެޓު ހުސްވުމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން ސެޕްޓެމްބަރު މަހުގައި ސަޕްލެމަންޓަރީ ބަޖެޓުގެ މަސައްކަތް ފެށިއިރު މިހާރު އެ މަސައްކަތްވަނީ ނިންމާފައެވެ. އެ ބަޖެޓަކީ5 ބިލިއަން ރުފިޔާއާއި6 ބިލިއަން ރުފިޔާއާ ދެމެދުގެ ބަޖެޓެކެވެ. ނަމަވެސް މިހާރު ކަށަވަރު ކުރެވިފައިވާ ގޮތުގައި ހުށަހަޅާ ސަޕްލިމެންޓަރީ ބަޖެޓަކީ6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ދައުލަތުގެ ބަޖެޓުން33 ބިލިއަނެއްހައި ރުފިޔާ ފާއިތުވި ސެޕްޓެންބަރު މަހުގެ މެދަކާ ހަމައަށް އައިއިރު ހޭދަވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. ސެޕްޓެންބަރު މަހުގެ ނިޔަލަށް ނުވަތަ އޮކްޓޯބަރު މަހުގެ ކުރީ ކޮޅުގައި ދަތުލަތުގެ ބަޖެޓުގައި ހަރަދުކުރަން ކަނޑައަޅާފައިވާ40 ބިލިއަނެއްހައި ރުފިޔާ ހަރަދުކުރެވި، ހަރަދުތައް ބަޖެޓްކުރި ވަރަށް ވުރެ އިތުރުވާނެއެވެ.

ފިނޭންސް މިނިސްޓްރީގެ އިސްވެރިޔެއް ވިދާޅުވެފައިވާ ގޮތުގައި މިއަހަރު ބަޖެޓު ޑެފިސިޓ ނުވަތަ ދަރަނި ހުންނާނެކަމަށް އަންދާޒާކުރި މިންވަރަށްވުރެ އެތައް ގުނައެއް އިތުރުވާނެކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރާކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ފާއިތުވި އަހަރު ރައްޔިތުންގެ މަޖިލީހުން މި އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކުރިއިރު، މި އަހަރުގެ ބަޖެޓުގައި ދައުލަތުގެ ހަރަދު ކުޑަކުރުމަށް ސަބްސިޑީ ނިޒާމަށާއި އާސަންދައަށސް ގެންނަން ހުށަހެޅި އެއްވެސް އިސްލާހެއް ތަންފީޒުނުކުރެވުމަކީ ބަޖެޓުގެ ހަރަދުތައް އިތުރުވެ އާމްދަނީއާއި ހަރަދުގެ ފަދަގު އިންތިހާއަށް ބޮޑުވި ސަބަބެކެވެ.

މި އަހަރުގެ ބަޖެޓު ޑެފިސިޓު ފޫބެއްދުމަށް މިހާތަނަށް ސަރުކާރުންވަނީ އަމިއްލަ ކްރެޑިޓާއެއްގެ އަތުން50 މިލިއަން ޔޫރޯ ނުވަތަ800 މިލިއަނެއްހއި ރުފިޔާގެ ލޯނެއް ނަގާފައެވެ. އެ ލޯނު ނެގީ ކޮން ފަރާތެއްގެ އަތުންކަން ހާމަނުކުރާއިރު އެ ލޯނުގެ އިންޓަރެސްޓު ރޭޓާއި ލޯނު އަދާކުރުމުގެ ޝަރުތުތައްވެސް ސަރުކާރުންވަނީ ސިއްރުކޮށްފައެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރެއްވުމާއި ރައީސް ސާލިހުގެ ވެރިކަމުގެ ދައުރުގެ ފަހު އަހަރުގައި ސާޕްލަސް ބަޖެޓެއް ހިންގެވުމަށް ވައުުދުވުމާއެކު އެމަނިކުފާނު ވެރިކަމަށް ވަޑައިންނަމަވެސް، ފާއިތުވި ދެ އަހަރުވެސް ޤާނޫނު އަސާސީއާ ހިލާފަށް މަޖިލީހުން ފާސްނުކޮށް ހަރަދުކުރުމަށްފަހު ޖެހިގެން އަންނަ އަހަރުގެ ބަޖެޓާއެކު ސަޕްލިމަންޓަރީ ބަޖެޓުތަކެއް ފާސްކުރަން މަޖިލީހަށް ސަރުކާރުން ފޮނުވާފައިވެއެވެ. އަދި ފާއިތުވި ފަސް އަހަރު ރެކޯޑު މިންވަރަކަށް ބަޖެޓު ޑެފިސިޓު އަހަރުން އަހަރަށްވަނީ އިތުރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button