އިންޑިއާ މުސްލިމުންނާއިމެދު އެގައުމުގެ ހައްދުފަހަނައަޅާފައިވާ ހިންދޫ ބީޖޭޕީ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކަށް ދިވެހި ސަރުކާރު ހަނު އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އިންޑިއާގެ މުސްލިމުންނާއި ދެކޮޅު ލާއިންސާނީ އަނިޔާވެރި އަމަލުތަކެއް އެގައުމުގެ ސަރުކާރުން ހިންގަމުން ގެންދާއިރު، އެކަންކަމާއި ދެކޮޅަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ ހަނު ތިބުން އެއީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ މިގައުމުގެ ރައްޔިތުން އެއްގޮތަކަށްވެސް ބަލައިގަންނާނޭ ކަމެއް ނޫން ކަމުގައެވެ. އަދި މިއަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަޑު އުފުލުމާއެކު، ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަމަށް އެކަންކަން ގެނައުމުގައި ދިވެހި ސަރުކާރު އިސް ނެގުމަށްވެސް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
އިންޑިއާގެ މަދްޔަޕްރަދޭޝް ގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން، މަދްޔަޕްރަދޭޝްގެ ހޯމް މިނިސްޓަރގެ އަމުރަށް އެ ހަމަނުޖެހުމުގައި ބައިވެރިވި ކަމަށް ބުނާ މުސްލަމުންގެ އެތައް ބަޔަކު ގާނޫނާއި ހިލާފަށް ހައްޔަރުކޮށް، އެހިސާބުގައި ދިރިއުޅޭ މުސްލިމުންގެ ގެދޮރަށް ގެއްލުންދީ، ސުންނާފަތި ކުރަމުން ގެންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް އިންޑިއާ ސަރުކާރުގެ އެއަމަލު އިދިކޮޅުން ވަނީ ކުށްވެރިކޮށްފައެވެ.
”ހިންދޫންގެ ދީނީ ހަފްލާއެއް ފާހަގަކުރުމަށް ހިންދޫން ހިންގި ހަރަކާތެއްގެ ތެރޭގައި އެސަރަހައްދުގެ މިސްކިތްތަކުގަ އަޅުކަން ކުރަން ތިބި މުސްލިމުންނަށް އުނދަގޫކޮށް ،ހިންގި ހަމަނުޖެހުމުގައި މުސްލިމުން ބައިވެރިވި ކަމަށް ތުހުމަތުކޮށް އިންޑިއާގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކާއި ދެކޮޅަށް އިންޑިއާ ސަރުކާރުގެ ފަރާތުން މުސްލިމުންނާއި ދެކޮޅު ލާއިންސާނީ އމަލު ހިންގަމުން ގެންދިއުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން،“ ބަޔާނުގައި ބުނެފައިވެއެވެ.
މުސްލިމުންނަށް އަނިޔާދީ މިސްކިތްތަކާއި މުސްލިމުންގެ ގެދޮރުގެ ހުރުމަތް ކަނޑާ ގެއްލުން ދިނުމުގެ ގޮތުން ހިންދޫ ޖަމާއަތްތަކުން ހިންގަމުން ގެންދާ ކަންތައްތަކަށް އިންޑިއާގެ ސަރުކާރާއި ފުލުހުން ބައިވެރިވެ، އެކަންކަން ކުރުމަށް ހިތްވަރު ދެމުން ގެންދާކަން އިދިކޮޅުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.