ޚަބަރު

ބޮމުގެ ހަމަލާގެ ތުހުމަތު ކުރެވޭ ފާތިހު ބަންދުން ދޫކޮށްލައިފި!

މަޖިލިސް ރައީސް މުހައްމަދު ނަޝީދު އަށް އަމާޒުކޮށް މެއި 6 ގައި ދިން ބޮމުގެ ހަމަލާގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުހުންގެ އިންޓެލް އެއް ކަމަށްވާ ލ.ގަން ދުންފިނި އުފާ އަހުމަދު ފާތިހު ބަންދުން ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތު “ބޮންތި” އަށް ލިބިއްޖެއެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް ތަހުގީގީ އިދާރާއެއްގެ އޮފިޝަލަކާ ހަވާލާދީ އިތުބާރު ހުރި މަސްދަރަކުން “ބޮންތި” އަށް އެނގިފައިވާގޮތުގައި ފާތިހު މިހާރު ހުރީ އޭނާގެ ރަށުގައެވެ.

މިކަމާގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުންނާއި، ކަރެކްޝަނުގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބިފައިވޭތޯ ބެލުމަށް ”ބޮންތި“ އިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.

ފާތިހަށް ދައުވާ ނުކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު މީގެ ކުރިން “ބޮންތި”އަށް ލިބިފައިވަނިކޮށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވަނީ ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަން ކަށަވަރުކޮށްދެއްވާފައެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގެ ތަހުގީގު އަދި އެއްކޮށް ނުނިމޭ ކަމަށެވެ. އަދި މި މައްސަލައިގައި ފާތިހުގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކިތައް ލިބިފައި ނުވާކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އެކަމަކު ”ބޮންތި“ އަށް އެނގިފައިވާގޮތުގައި ހަމަލާގެ ބައިވެރިންނާ ފާތިހު އާއި ގާތް ގުޅުމެއް އޮވެއެވެ. އަދި އެ ހަމަލާ ޕްލޭން ކުރި ޓީމުގައި އޭނާ އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ފޯނު ކޯލު ރިކޯޑިން ތަކެއް ތަހުގީގަށް ލިބިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި ފާތިހުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ އުފުލަން ޖެހޭ މުއްދަތު މިހާރު ވަނީ ފާއިތުވެފައެވެ. އެހެން ކަމުން މި މައްސަލައިގައި އަލުން އޭނާ ހައްޔަރު ކޮށް، ދައުވާ ކުރެވިދާނެ ކަމަކަށް ނުބެލެވެއެވެ.

ފާތިހު އަކީ ފުލުހުންގެ ވަޒީފާގައި މަސައްކަތް ކޮށްފައިވާ މީހެކެވެ. އެކަން ފުލުހުން މީގެ ކުރިންވަނީ ކަށަވަރުކޮށްދީފައެވެ. އެނގިފައިވާގޮތުގައި އޭނާ ފުލުހުންގެ ވަޒީފާއިން ވަކިވީ މިއަހަރުގެ ތެރޭގައެވެ.

ފާތިހު އަކީ ބޮންގޮއްވާލުމުގައި އިސްކޮށް އުޅުނު ވ.ތިނަދޫ ހިޔާ އަހުމަދު އަދުހަމް ރަޝީދު ފިލަން އެހީތެރިވުމަށް، މއ. ފޭރުގެ މުޖާޒް އަހުމަދު ގާތާށް އޭނާ ގެންގޮސް ދިން މީހާއެވެ.

“ފާތިހު ބުނަނީ އަދުހަމަށް ލިފްޓެއް ދިން ވާހަކަ އެކަނި. އިތުރު ކަމެއް އެނގޭ ކަމަކަށް ނަހަދާ.” ޕީޖީ އޮފިޝަލަކާ ހަވާލާދީ މައުލޫމާތު ދިން މީހާ ބުންޏެވެ.

މި މައްސަލައިގައި މިހާތަނަށް 15 މީހަކު ހައްޔަރު ކޮށްފައިވާއިރު ދައުވާ ކުރަން މިހާތަނަށް ފޮނުވީ 4 މީހެއްގެ މައްޗަށެވެ. އެއީ ވ.ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ.ފޭރުގޭ މުޖާޒް އަހުމަދާއި ގއ.ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ނ.މަދަނޫ ނޫރީގެ އަލީ ހައިޝަމެވެ.

ބޮމުގެ ހަމަލާ ދިނުމަށް ފަންޑު ކުރި މީހުންގެ ދައުވާ، ވަކި ދައުވާއެއްގެ ގޮތުގައި ކުރިޔަށް ގެންދިއުމަށް ޕީޖީ އިން ވަނީ ނިންމާފައެވެ. އެކަމަކު ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނަރ މުހައްމަދު ރިޔާޒު މީގެ ކުރިން ވިދާޅުވިގޮތުގައި މި ހަމަލާއަށް ބަޔަކު ފަންޑު ކުރިކަމަކަށް ނުބެލެވެއެވެ. އެހެން ކަމުން މި މައްސަލައިގައި ފަންޑު ކުރި މީހުން ހޯދައި، އިންސާފުގެ ކުރި މައްޗަށް ގެނައުމަށް ހުރަސްތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިކަމާގުޅިގެން ފުލުހުންނާއި ޕީޖީ އޮފީހަށް ރައީސް ނަޝީދުގެ ބައެއް ސަޕޯޓަރުންގެ ނުރުހުން ވަނީ އަމާޒުވެފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button