![](https://bonthinews.com/wp-content/uploads/2023/11/20220821152725_ADH_9586-1661078517925_eqcdoa-780x470.jpeg)
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ރިޔާސަތުން އިސްތިއުފާ ދެއްވައިފި އެވެ.
މިއަދުގެ ހަވީރު 4:00 އަށް ރައީސް ނަޝީދުގެ އިތުބާރުނެތްކަމުގެ މައްސަލައިގެ ގަރާރުގެ މަސައްކަތް އެޖެންޑާ ކުރިއެވެ. އެ ޖަލްސާ ފެއްޓެވީ މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް ރިޔާސަތުގައި އިންނަވައިގެންނެވެ. އަދި ރިޔާސަތުން ވާހަކަ ދައްކަވަމުން ގެންދަނިކޮށް، މަޖިލީހުގެ އިދާރާއަށް ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީ ވަނީ ލިބިފައެވެ. އެއާއެކު މަޖިލީހުގެ އިދާރާއިން ރިޔާސަތަށް ސިޓީ އެރުވުމުން ޝަރީފް ވަނީ އެ ސިޓީ ތަޅުމަށް އިއްވަވާފައެވެ.
އެވަގުތު ރައީސް ނަޝީދު އިންނެވީ އެމަނިކުފާނުގެ ދާއިރާ ކަމަށްވާ މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑިކޮޅުގައެވެ. އަދި އެއީ އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީފުޅެއްތޯ ރިޔާސަތުން އެއްސެވުމުން ރައީސް ނަޝީދު ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.
އެއާއެކު ރިޔާސަތުން ވަނީ މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތް ބޭނުން ފުދުނީކަމަށް ނިންމައި ޖަލްސާ ނިންމަވައިލައްވާފައެވެ.
49 މެންބަރުންގެ ސޮޔާއެކު އެމްޑީޕީން ހުށަހެޅި، ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިއަދު ހެނދުނު 11:00 އެޖެންޑާ ކުރި ނަމަވެސް، ހެނދުނަށް އެޖެންޑާ ކުރި ބަޖެޓުގެ މަސައްކަތް ކުރިއަށްނުގެންދިއުމުގެ ސަބަބުން ދަ ޑިމޮކްރެޓްސްގެ މެންބަރުން ގެންދިޔައީ ހުއްޓުމެއްނެތި އަޑުގަދަކުރަމުންނެވެ. އެވަގުތު ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.