ޚަބަރުސިޔާސީ

ވެެރީންގެ ފައިސާގެ މައްޗަށް އަސާސްތައް އިސްކުރީ ގަލޮޅު އުތުރުގެ ރައްޔިތުންނަށްޓަކައި ކުރާ އުންމީދު ފަނޑުނުވާތީ: އީވާ

ވެެރީންގެ ފައިސާގެ މައްޗަށް އަސާސްތައް އިސްކުރީ، ގަލޮޅު އުތުރުގެ ރައްޔިތުންނަށްޓަކައި ކުރާ އުންމީދު ފަނޑުނުވާތީ ކަމުގައި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ދައުލަތުގެ މީޑިއާގެ ޕީއެސްއެމުން ބާއްވާ، މަޖިލިސް ބަހުސްގައި ބަހުސް ކުރައްވަމުންނެވެ.

މަޖިލީހުގެ މި ދައުރުގެ ފުރަތަމަ ނައިބު ރައީސްކަންވެސް ކުރެއްވި އީވާ ވިދާޅުވީ، މަޖިލިސް މެންބަރެއްގެ މަސަައްކަތަކީ ގާނޫނު ހެދުމާއި  މުޅި ދައުލަތަށް ފާރަވެރިވުން ކަމަށްވާއިރު، އެ ދެ ކަންތައް ކުރުމަށް ބޭނުންވާ ފަންނާއި، ތައުލީމާއި ތަޖުރިބާގެ އިތުރުން ތެދުވެރި ކަމެއްގެ މައްޗަށް ހިތްވަރެއްވެސް ބޭނުންވާ ކަމުގައެވެ.

އެގޮތުން އެއް މެންބަރެއްގެ ކިބައިގައި އެ ހުރިހާ ސިފައެއް ހިފައްޓަައިފިކަން ގަދަރުވެރި ކަމާއެކު ތިމަންނާއޭ ބުނާ ހާލަތުގައި އެންމެ މެންބަރަކު ހުއްޓަސް އެ މެންބަރަކީ، ގަލޮޅު އުތުރު ދާއިރާގެ މިހާރުގެވެސް މެންބަރު އެކަމަނާކަން އީވާ ހާމަކުރެއްވިއެވެ.

”ވަށައިގެން ވެެރީންގެ ފައިސާއަށް އެއްޗަކުން އެއްޗަކުން ވެއްޓިގެން ދިޔައިރު އަޅުގަނޑު ވާނީ އަޅުގަނޑުގެ އަސާސްތައް ހިފަހައްޓާފަ.“ އީވާ ވިދާޅުވިއެވެ.

ރާއްޖޭގެ ދަރަނީގެ ހާލަތު ގޯސްވެ، ހާރިޖީ ސިޔާސަތު އެފުށް މިފުށަށް ޖެހިފައިވާކަން ފާހަގަކުރެއްވައި އީވާ ވިދާޅުވީ، ކުރިއަށް އޮތީ ރަމަޟާން މަސް ކަމަށާއި، ތަކެތީގެ އަގު މައްޗަށް ދާ ކަމަށާއި، ސަރުކާރުން ނޫސް މަޖައްލާތައް ސެންސަރު ކުރަމުންދާ ކަމަށާއި، ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލީ ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނަށް ލިބުނު ފްލެޓްތައްވެސް ދޫނުކުރި ކަމުގައެވެ.

ކުރިއަށް އޮތް ފަސް އަހަރު ޑިމޮކްރަސީ ހިމާޔަތް ކުރަން ބޭނުންވާނަމަ، ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުށިޔާރުވާން ޖެހޭނެކަން އެންމެނަށްވެސް މިހާރު އެނގޭނެކަން ފާހަގަކުރެއްވައި، އީވާގެ ވާހަކަފުޅު ނިންމަވައިލެއްވީ ދާނެހާ ގޮތަކަށް ދާން އެކަމަނާ ދީލާނުލަނީ އަދި ގޯހުން ގޯހަށް ދާގަޑީގައި އަނެއް އަތަށް ފިސާރި ގަދަޔަށް ހިފާލަނީ ގަލޮޅު އުތުރުގެ ރައްޔިތުންނަށްޓަކައި އެކަމަނާ ކުރައްވާ އުންމީދު ފަނޑުނުވާ ކަމުގެ މެސެޖު ދެއްވަމުންނެވެ.

އީވާގެ ނައިބު ކަމުގެ ދައުރަކީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް މެންބަރުންގެ މުސާރަ ހާޒިރީއަށް ބިނާކޮށް، ކަނޑަން ފެށި ދައުރެވެ. އެކަމަނާގެ ހިނގަމުން މިދާ ތިންވަނަ ދައުރުގައި ކޮރަޕްޝަން ފަޅާއެރުވުމުގެ ގާނޫނީ ބާރު ސަރުކާރުގެ މުވައްޒަފުންނަށް ލިއްބައިދިން ވިސިލް ބްލޯވިން ގާނޫނު ވުޖޫދުކޮށްފައިވެއެވެ.

އެމްޑީޕީ ރޫޅި ކުރީގެ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ދަ ޑިމޮކްރެޓްސްގެ އިސް މުއައްސިސެއްގެ ގޮތުން އީވާ ގެންދަވަނީ އެޕާޓީގެ އިސްލާހީ އެޖެންޑާ ތަންފީޒު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button