ޚަބަރުސިޔާސީ

ޕީޕީއެމް ޕީއެންސީގެ ދަނގެތި ދާއިރާގެ ރައީސް ލޯކަލް ޓުއަރިޒަމްގެ ހައްލު ހިފައިގެން މަޖިލިސް ގޮނޑިއަށް!

މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގަައި ދަނގެތީ ދާއިރާއަށް އާސަންދައިގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މައުމޫން އަބްދުލް ސަމަދު (މާންބެ) އަމިއްލަ ގޮތުން ކުރިމަތި ލުމަށް ނިންމަވައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް ޕީއެންސީ) ގެ ދަނގެތި ދާއިރާ ރައީސް ކަމުގެ މަގާމުގައި ހުންނެވި މާންބެގެ ކެމްޕެއިން ޓީމުން ބުނިގޮތުގައި އަމިއްލަ ގޮތުން ވާދަކުރައްވަން އޭނާ ނިންމެވީ، އެ ކޯލިޝަންގެ ޕްރައިމަރީއަށް އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ވެފައި، ޕްރައިމަރީ ނިމުނު އިރު، އެދާއިރާގެ ރަށްތަކަށް ނިސްބަތްވާ އިސްރަށްވެހިންނާއި ޒުވާނުންގެ އެދުމުގެ މަތީންނެވެ.

”މާންބެގެ އަމިއްލަ މަސްލަހަތަށްވުރެ ބެލީ ފުރަތަމަ ޕްރައިމަރީ ނިމުމުން މަޝްވަރާއަކަށް ދާން. ގިނަ މީހުން އިއްތިފާގު ވަނީ ދާއިރާ ތަމްސީލު ކޮށްދިނުމަށް މިދައުރުގަ މާންބެ ހުރެދިނުމަށް.“ މާންބެގެ ކެމްޕެއިން ޓީމުން ބުންޏެވެ.

ހައުސިން މިނިސްޓްރީގެ ނައިބު ކަމުގެ މަގާމުގައި ހުންނެވި ދުވަސްވަރު މާންބެ ވަނީ އަދުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އެކު ތަރައްގީގެ ގިނަ ގުނަ އިންގިލާބީ މަޝްރޫއުތަކުގަައި އެމަނިކުފާނަށް ނުހަނު ގިނަ އެހީތެރިކަން ފޯރުކޮށްދެއްވާފައެވެ.

ދާއިރާގެ ރަށްތަކާއި މެދު ގެންގުޅުއްވާ ތަސައްވުރަކީ ކޮބައިތޯ ”ބޮންތި“ އިން ސުވާލު ކުރުމުން މާންބެގެ ކެމްޕެއިން ޓީމުން ބުނީ މައިގަނޑު ގޮތެއްގައި މިފަހަރު ހާސިލް ކުރަން ބޭނުންވަނީ ފަތުރުވެރިކަމުގެ އައު ފުރުސަތުތައް ދާއިރާގެ ރައްޔިތުންނާ ހަމައަށް ގެނެސްދިނުން ކަމުގައެވެ.

ހާއްސަކޮށް ލޯކަލް ޓުއަރިޒަމް ނުވަތަ ގެސްޓްހައުސްތަކާއި، ހޮޓާތަކާއި، ވޯޓާ ސްޕޯޓްސްގެ އިތުރުން ޑައިވިން ސެންޓަރުތަކުގެ ވިޔަފާރިތަކަށް އޮންނަ ފުރުސަތު ފުޅާކޮށް، އެފަދަ ވިޔަފާރިތަކަށް އޮތް ދަތިތައް ނައްތާލައި، ލުއި ގޮތަކަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރެވޭނެ ގޮތަށް އުސޫލުތައް ހަރުދަނާ ކުރުމާއި، ދާއިރާގެ ރަށްތަކުގައި މިހާރު ހުރި ދަތިތައް ހައްލު ކުރުމަކީ މާންބެގެ އަމާޒެކެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށްވެސް މާންބެ ވަނީ އަމިއްލަގޮތުން ވާދަކުރައްވައި ދެވަނަ ހޯއްދަވާފައެވެ. އެފަހަރު އެދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވީ މިހާރުގެވެސް މެންބަރު ކާނަލް މުހައްމަދު ނާޒިމެވެ.

މާންބެގެ ކެންޑިޑޭޓް ނަންބަރަކީ 2 އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button