ޚަބަރުސިޔާސީ

ފުވައްމުލައް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހަދާނަން: ރައީސް

ފުވައްމުލަކުގައި ހުރި ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ހައްދަވައި ދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ރައީސް ވަޢުދުވެވަޑައިގެންފައިވާ ފަދައިން ފުވައްމުލަކު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ޚިދުމަތާއި އެމްއާރްއައިގެ ޚިދުމަތް ލިބޭނޭ ވަސީލަތްތައް އެމަނިކުފާނުގެ ސަރުކާރުގައި ޤާއިމުކޮށް ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ފުވައްމުލަކުގައި ޑީކޯ ޗެމްބަރެއް ޤާއިމްކޮށްދިނުމުގެ މަސައްކަތް އެމަނިކުފާނުގެ ސަރުކާރުން ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކަރަންޓުގެ ޚިދުމަތާއި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި މިފަދަ ކަންކަން ހުރީ ގިނަ ދުވަސްތަކަކަށް އަޅާނުލާ ދޫކޮށްލާފައި ކަމުގައި ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ފުވައްމުލަކުގެ ބަނދަރަށް ގެންނަންޖެހޭ ހުރިހާ ކުރިއެރުންތަކެއް ގެނެސްދެއްވާނެ ކަމަށާއި ފުވައްމުލަކުގައި އިކޯ ޓޫރިޒަމް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފުވައްމުލަކުސިޓީގައި އޮފީސް ކޮމްޕެލެކްސް އެއް އެޅުމަށް ވިސްނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ސިޓީއެއްގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހައްދަވާނެކަމަށް ވެވަޑައިގެންނެވި ވަޢުދުފުޅާއި އެއްގޮތަށް ފުވައްމުލަކުސިޓީގެ ހުރިހާ މަގެއް ހަދައި ނިންމަވާނެ ކަމަށާއި، ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުުމުން ދެންހުރި މަގުތައް ހެދުމަށް 3 ވަނަ ފިޔަވައްސެއްގެ ދަށުން ފުވައްމުލަކުގެ ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހައްދަވާނެކަމުގެ ޔަޤީންކަން ރައީސް  ދެއްވިއެވެ. ފުވައްމުލަކުގެ މަގުތައް ޒަމާނީކޮށް ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ޢަމަލީ މަސައްކަތް ރައީސް ވަނީ ފަށްޓަވައި ދެއްވާފައެވެ.

ރާއްޖޭގެ ދެކުނުގެ 4 އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ރައީސްއާއި އެކު ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދުގައި ރައީސްގެ ޚާއްސަ މުޝީރު އަބްދުއްރަޙީމް އަބްދުالله، ހޯމް މިނިސްޓަރ އަލީ އިހުސާން، ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޚަލީލާއި، ތަޢުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢުއާއި، ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ. މުއްތަލިބު ހިމެނިވަޑައިގަންނަވައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button