ޚަބަރުސިޔާސީ

ރައީސްގެ ވައުދުފުޅާ އެއްގޮތަށް އިންޑިއާގެ 76 ސިފައިން ފޮނުވާލައިފި، ހެލިކޮޕްޓަރު ދުއްވާނީ މަދަނީން!

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތަށް އެ މަސައްކަތް ސަރުކާރުން ކޮށް 76 ސިފައިން ފޮނުވާލާފައިވާކަން ސަރުކާރުން ހާމަކުރައްވައިފިއެވެ.

ކުރީ ސަރުކާރުތަކުން އިންޑިއާ އާއިއެކު ވެފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ދަށޫން ރާއްޖޭގައި އޮޕަރޭޓުކުރާ އެގައުމުގެ އަސްކަރިއްޔާގެ ދެ ހެލިކޮޕްޓަރު ދުއްވުމަށް ތިބި އެގައުމުގެ ސިފައިން އަނބުރާ ފޮނުވައިލިކަން ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނެވެ.

އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު އެ ދެ ހެލިކޮޕްޓަރު އޮޕަރޭޓުކުރުމަށް ރާއްޖެއަށް ގެނައި މަދަނީންނަކީ އެ ހެލިކޮޕްޓަރުތައް އުފެއްދި ކުންފުންޏަށް ނިސްބަތްވާ މީހުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އުތުރުތިލަފަޅުގައި އިންޑިއާ ސިފައިން ތިބިކަން ހުރި ލިޔެކިޔުންތަކުން ސާފުވާކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ އެމީހުން އެތަނުގައި ތިބިކަން އެނގޭ ލިޔެކިޔުންވެސް ހުރި ކަމުގައެވެ.

”ކުރިން ތިބިކަން ކަށަވަރުވޭ. އޭގެ ލިޔެކިޔުންވެސް އެބަހުރި. އަދަދު އަޅުގަނޑު ޖެހޭނީ ބަލާލަން،“ ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ އެ ސިފައިން ގެނައީ ދެ ގައުމުގެ މެދުގައި ހެދި އެއްބަސްވުމެއްގެ ދަށުން ކަމުގައިވާނަމަ، އެ އެއްބަސްވުމުގައި ހިމެނޭ މައުލޫމާތުވެސް ހާމަކުރެވޭނީ ދެފަރާތުން އެއްބަސްވެގެން ކަމުގައެވެ.

”އެކަން އެގޮތަށް ފޮރިން މިނިސްޓްރީ މެދުވެރިކޮށް ބަލާފަ އަޅުގަނޑުމެންނަށް ހާމަކުރެވޭ މައުލޫމާތެއް ހާމަކޮށްދޭނަން،“ ވަޒީރު ވިދާޅުވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސާ ޒަމީރު ވިދާޅުވީ އިންޑިއާއިން ރާއްޖޭގައި އޮޕަރޭޓުކުރަމުން އައި ތިން ޕްލެޓުފޯމަކާއެކު ރާއްޖޭގައި ގާއިމުވެގެން ތިބި އިންޑިއާގެ 76 ސިފައިން ފޮނުވާލުމަށްފަހު އެމީހުންގެ ބަދަލުގައި އެ ޕްލެޓުފޯމުތައް އޮޕަރޭޓުކުރަން މަދަނީން ގެނެސްފައިވާ ކަމުގައެވެ.

ދިވެހި ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން އެއާ ކޯއަށް ބޭނުންވާ އޮފިސަރުން ތަމްރީނުކުރުމުގެ މަސައްކަތްކުރުމުގެ ވިސްނުން ގެންގުޅުއްވާކަން ފާހަގަކުރައްވައި ޢައްސާން ވިދާޅުވީ، އޭރިއަލް ޕްލެޓްފޯމުގެ ގޮތުގައި ބޭނުންކުރަން ނިންމާފައިވަނީ ކޮން ޕްލެޓުފޯމުތަކެއްކަން މިހާތަނަށް އަދި ނިންމާފައިނުވާކަމުގައެވެ.

އިންޑިއާ ސިފައިން ފޮނުވާލުމަށް ގާއިމުކުރިނުވަތަ ލެޓާ އޮފް އެކްސްޗޭންޖުގެ ދަށުން މިހާރު ހުރި ޕްލެޓުފޯމުތައް އޮޕަރޭޓުކުރުމަށް ދިވެހި ސިފައިން ތަމްރީނުކުރުމުގެ ޖާގަ އޮންނާނެ ކަންވެސް މި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button