
އިންތިހާބަކަށް ނުގޮސް އެމްޑީޕީގެ ރައީސްކަމަށް ޢަބްދުﷲ ޝާހިދު ހަމަޖައްސައިފިއެވެ.
އެ ޕާޓީގެ ރައީސްކަމުގެ މަގާމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހު ދެމިހުންނާނެކަމަށް ގިނަ ސަޕޯޓަރުންނަށް ވިސްނިފައި ވީނަމަވެސް، އެމްޑީޕީގެ ރައީސްކަމަށް ހުޅުވާލި ފުރުސަތުގެ ވަގުތު ހަމަވިއިރު އެ ޕާޓީގެ ރައީސްކަމަށް ޝާހިދު ފިޔަވައި އެހެން މެންބަރެއް ކުރިމަތިލާފައެއް ނުވެއެވެ.
އެ ޕާޓީގެ އެތެރޭގެ އިންތިހާބު ގާތްވުމުން، ޝާހިދު ރައީސްކަމަށް ކުރިމަތިލާނެކަން އިއުލާނު ކުރުމާ ގުޅިގެން އެ ޕާޓީގެ އިސް ބޭފުޅުން ވަނީ ޝާހިދަށް ތާއީދުކޮށް މީސްމީޑިއާގައި އެކަން އާންމުކޮށްފައިވެއެވެ.
އެ ޕާޓީގެ ބައެއް ސަޕޯޓަރުން މީސްމީޑިއާގައި ހިޔާލުފާޅުކޮށް، ޕާޓީގެ ލީޑަރޝިޕަށް ފާޑުކިޔާފައިވެއެވެ. އަދި ރިޔާސީ އިންތިހާބުގައި ރާއްޖޭގެ އެންމެ ބޮޑު ޕާޓީއަށް ކުރިމަތިލާންޖެހުނު ނާކާމިޔާބީގެ ސަބަބުން ޕާޓީގެ ހިންގުމަށް ބަދަލުގެނައުމަށް އެ ޕާޓީގެ ބައެއް މެންބަރުން ވަނީ ގޮވާލާފައެވެ.