ޚަބަރުސިޔާސީ

ރައީސް ނަޝީދުގެ ރަސްމީ ގެކޮޅު ”މުރައިދޫގެ“އިން ނުކުންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސަރުކާރުން އެމަނިކުފާނަށް ހަމަޖައްސައިދެއްވާފައި ހުންނަވާ ރަސްމީ ގެކޮޅު ކަމަށްވާ މ. މުރައިދޫގެއިން ނުކުމެ ވަޑައިގަންނަވާކަން މަޖިލީހަށް އަންގަވައިފިއެވެ.

ރައީސް ނަޝީދުގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވި ސިޓީ ގައި ބުނެފައިވަނީ ނަޝީދު ހުންނަވާ ރަސްމީ ގެކޮޅު މ. މުރައިދޫއިން ގ. ބޭރުވެއްޔަށް، ހޯމަ ދުވަހު ބަދަލުވެވަޑައިގަންނަވާނެ ކަމަށެވެ. މުރައިދޫގެ ދޫކުރައްވައި ރައީސް ނަޝީދު ބަދަލުވެވަޑައިގަންނަވާ ގ. ބޭރުވެއްޔަކީ އެމަނިކުފާނު ހިއްސާވާ އޯޝަން ޕަބްލިޝާސް ހިންގާ ގެ އެވެ.

ރައީސް ނަޝީދު ދިރިއުޅުއްވުމަށް މުރައިދޫގެ ހަމަޖެއްސެވީ 6 މެއި 2021 ގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެމަނިކުފާނަށް ސަލާމަތީގޮތުން ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދިނުމަށްޓަކައެވެ.

އަންނަ ހޯމަ ދުވަހު މުރައިދޫ ގެއިން ނުކުމެ ވަޑައިގަންނަވަން ރައީސް ނަޝީދު ނިންމަވާފައިވާއިރު، އެދުވަހަކީ ރައްޔިތުންގެ މަޖިލީހުގައި ތާވަލްކޮށްފައިވާ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ 14 ދުވަހުގެ ނޯޓިސް ހަމަވާދުވަހެވެ.

ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އިއްޔެގެ ވަގުތެއްގައި އެމަނިކުފާނު ވަނީ އެމްޑީޕީން ވަކިވެވަޑައިގަންނަވާ އެކަން އެމްޑީޕީގެ ޗެއާޕާސަން އަށް ސިޓީ އަކުން އަންގަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button