ދޮގު ހެކި ދިނުމާ ޣީބަ ބުނުމަކީ މަރުވެފައިވާ އަޚާގެ މުޅަމަސް ކެއުން ފަދަ ކަމެއް: ޚުޠުބާ

ދޮގު ހެކި ދިނުމުގެ އިތުރުން ޣީބަ ބުނުމަކީ ވެސް ނުބައިކަން ބޮޑުވެގެންވާ ފާފައެއް ކަމާއި، އެއީ މަރުވެފައިވާ ތިމާގެ އަޚާގެ މުޅަމަސް ކެއުން ފަދަ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
”ދުލުގެ އާފާތްތައް“ މި މައުޟޫއަށް ޚާއްޞަކޮށްގެން މިއަދު ދިން ޚުޠުބާގައި ބުނީ ދުލުގެ އާފާތްތަކުގެ ތެރޭގައި ދޮގު ހެކި ދިނުމާއި ދޮގުހުވާކުރުން ހިމެނޭ ކަމަށެވެ.
ހެކި ވަންހަނާކޮށްފި މީހަކަށްވުރެ އަނިޔާވެރިކަން ބޮޑު މީހަކު ނުވާކަމަށްވެސް ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
ދޮގު ހެކި ދިނުމުގެ ސަބަބުން ފޫނުބެއްދޭ ބޮޑެތި ގެއްލުންތައް ލިބެ އެވެ. އެކަންތަކުގެ ތެރޭގައި ގާޟީ އަށް ޙައްޤު އޮޅި، ބާތިލަކީ ޙައްޤު ކަމުގައި ހީވުމާއި، އޭގެ ސަބަބުން އެހެން މީހުންގެ ޙައްޤުތައް ގެއްލިގެން ދިއުމާއި މުޖުރިމުން ކުށުން ބަރީއަވުމާއި، ކުށެއް ނެތް މީހުންނަށް ޙައްޤަކާނުލައި އަނިޔާ ލިބުން ހިމެނޭކަން ޚުޠުބާގައި ފާހަގަކުރި އެވެ.
”ﷲ ގެ ހަޟްރަތުން އެމީހަކަށް ލިބިފައިވާ ހެކި ވަންހަނާކޮށްފި މީހަކަށްވުރެން އަނިޔާވެރިކަން ބޮޑު މީހަކު ނުވެ އެވެ.“ މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފައިވެ އެވެ.
”މުސްލިމުންގެ ޣީބަ ބުނެ ހުތުރު ބަސްތައް ރައްދުކޮށް އުޅޭ މީހުންނަށް ގިޔާމަތް ދުވަހުން އެމީހުން ކޮށްއުޅުނު ފާފަތަކާ އެއްފަދަ އަޛާބު ދެއްވާނެ އެވެ،“ ހުތުބާގައި ބުނެފައިވެ އެވެ.