ޚަބަރު

ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑުތެރެއަށް އުކާލާ އަލިފާން އަނގުރުތަކެއް: ޚުޠުބާ

ރުޅިއަކީ ޝައިޠާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާލާ އަލިފާނުގެ އަނގުރުތަކެއް ކަމުގައި ކީރިތި ރަސޫލާ (ﷺ) ބަޔާންކޮށްދެއްވާފައިވާ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައިވަނީ ”ރުޅިމަތަކުރުމުގެ ޖަޒާއަކީ ސުވަރުގެ“ މި މައުޟޫއަށެވެ. ޚުޠުބާގައި ބުނީ ރުޅިމަޑު ކަމަކީ الله އާއި އެކަލާނގެ ރަސޫލާ (ﷺ) ލޯބިވެވޮޑިގެންވާ ސިފައެއް ކަމަށެވެ.

”ތިބާ ރުޅި ނާންނާށެވެ! އޭރުން ތިބާއަށް ސުވަރުގެ ވަދެވޭ ހުއްޓެވެ!“ ކީރިތި ރަސޫލާ (ޞ) ހަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވާ ކަމަށް ހުތުބާގައި ބުންޏެވެ.

ކީރިތި ރަސޫލާ (ﷺ) އަކީ އެކަލޭގެފާނުގެ ޝަޚްސީ އެއްވެސް ކަމެއްގައި ކޯފާ އިސްކުރެއްވި ބޭކަލެއް ނޫންކަމަށާއި އެހެންނަމަވެސް އެކަލޭގެފާނަކީ މާތް الله ގެ ޙުރްމަތަކަށް އަރައިގަނެވޭ ހިނދު ކޯފާ ގަދަ ބޭކަލެއް ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.

އެހެންކަމުން އަހަރެމެން ވެސް އަމިއްލަ ޝަޚްސީ ކަންތައްތަކަށް ރުޅި އައިސްގެން ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެހެންނަމަވެސް މިއަދު އަހަރެމެންގެ ތެރެއިން, ރުޅި މަޑުކުރުމުގެ ރީތި ނަމޫނާތައް ފެންނަމުން ނުދާ ކަމަށް ޚުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި ފެންނަމުންދަނީ ބަދަލުހިފުމުގެ ރޫހު ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.

”ކީރިތި ރަސޫލާ (ﷺ) ބަޔާންކޮށްދެއްވާފައިވާ ގޮތުގައި ރުޅިއަކީ ޝައިތާނާ އިންސާނާގެ ހަށިގަނޑު ތެރެއަށް އުކާ އަލިފާނުގެ އަނގުރުތަކެކެވެ،“ ހުތުބާގައި ބުނެފައިވެ އެވެ.

އެހެންކަމުން ކޯފާ އިސްނުކުރުމަށް ރަސޫލާ (ﷺ) އެކަލޭގެފާނުގެ ސަޙާބީންނަށް ވަޞިއްޔަތް ކުރައްވާފައިވާ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި ތަޤްވާވެރީންނަކީ މާތް الله ގެ ޙަޟްރަތުގައި މަތިވެރި މަޤާމެއް ލިބިފައިވާ ބައެއް ކަމަށާއި، މާތް الله އަށް ޙައްޤު ގޮތުގައި ތަޤްވާ ވެރިވުމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ނަސޭޙަތްތެރި ވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button