ޚަބަރުސިޔާސީ

ފައްޔާޒް ނަޝީދަށް: އެމްޑީޕީން ވަކިވުމުން ޕާޓީ ހިންގާލަން މަގުފަހިވެއްޖެ

އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު އެޕާޓީން ވަކިވެވަޑައިގެންނެވުމުން އެމްޑީޕީ ހިންގާލުމަށް މަގުފަހިވެއްޖެ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވި ކަން އިއުލާން ކުރައްވައި ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ސިޓީފުޅެއް ފޮނުވާފައެވެ. އަދި އެ ސިޓީ ފުޅު ގައި ނަޝީދު ވިދާޅުވީ ރާއްޖޭގެ ކަންކަން މިހާރު ހިނގަމުންދާ ގޮތައް ބަލާއިރު އެމަނިކުފާނު އެމްޑީޕީގައި ހުރުން އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ނުދެކޭ ކަމަށެވެ. އެހެންކަމުން އެމްޑީޕީން އިސްތިއުފާ ދެއްވާފައިވާ ކަމަށްވެސް އެ ސިޓީގައި ވިދާޅުވިއެެވެ.

ޕާޓީއިން ވަކިވެ ވަޑައިގެންނެވި ކަން އިއުލާނު ކުރައްވާ ފައްޔާޒަށް ފޮނުއްވި ސިޓީ ރައީސް ނަޝީދު ޓްވިޓާގައި ހިއްސާކުރުމުނ އެ ޓްވީޓަށް ރައްދު ދެއްވާ ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށާއި، އެހެން ނަމަވެސް، އެމަނިކުފާނުގެ އެ ނިންމެވުމުގެ ސަބަބުން ޕާޓީ ހިންގުމަށް މަގުފަހިވެގެން ގޮސްފިކަމަށެވެ.

އެމްޑީޕީގެ ބާނީ ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންފައި މިވަނީ، އެމަނިކުފާނަށް ވަފާތެރި މެމްބަރުންތަކެއް އެމްޑީޕީއިން ވަކިވެ ’ދަ ޑިމޮކްރެޓްސް’ގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ނިންމާ އެ ޕާޓީ ރެޖިސްޓްރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ. އެހެންނަމަވެސް ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ހުއްޓުވާފައިވާއިރު، އެ ކޮމިޝަންވެސް އޮތީ މަރުތަޅު އެޅިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button