ޚަބަރު

ބްރޯޑުކޮމުން ޗެނަލް 13 އަށް ފިޔަވަޅު އަޅަނީ!

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ޗެނަލް 13 އަށް ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

ބްރޯޑްކޮމުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޗަނަލް 13 އިން ރޭ ގެނެސްދިން ހަޖަމް ޕްރޮގްރާމުގެ ކޮންޓެންޓެއް އެ ކޮމިޝަނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

”މި ކޮމިޝަނުން މައްސަލަ ބެލެމުގައި ގެންގުޅޭ އިޖުރާޢަތްތަކާއި އެއްގޮތަށް އެކަން ބަލަމުންދާކަން ސަމާލުކަމަށްޓަކައި ދެންނެވީމެވެ.“ ބްރޯޑްކޮމުން ބުންޏެވެ.

މީގެ އިތުރުން ހުރިހާ ބްރޯޑްކާސްޓަރުންވެސް، ބްރޯޑްކާސްޓްކުރުމުގެ ސުލޫކީ މިންގަނޑާއި އުސޫލުތައް ހިފެހެއްޓުމަށް އެ ކޮމިޝަނުން ވަނީ ނަސޭހަތްތެރިވެފައެވެ.

ބެލުންތެރިންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ ހަޖަމް ޕްރޮގްރާމުގައި ރޭ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެއެވެ. އެގޮތުން ޕީޖީ ޝަމީމް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށާއި، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 5 ލައްކަ ޑޮލަރު އޭނާއަށް ލިބުނު ކަމަށް ހަޖަމް ޕްރޮގްރާމުގައި ބުނެފައިވެއެވެ.

އާންމު ގޮތެއްގައި ހަޖަމް ޕްރޮގްރާމުގައި ބައިވެރިވަނީ އެ ޗެނަލްގެ ނޫސްވެރިންނެއް ނޫނެވެ. މިކަމާގުޅިގެން މީގެ ކުރިން ޗެނަލް 13 އިން ބުނެފައިވަނީ އެ ޕްރޮގްރާމް ގެނެސްދޭ ވަގުތަކީ ވިޔަފާރީގެ އުސޫލުން ވިއްކާފައިވާ ވަގުތެއް ކަމަށެވެ.

ހަޖަމްގެ ކުރިން އެ ޗެނަލުން ގެނެސްދެމުން އައީ މަޑީސީލަ ނަމަކަށް ކިޔާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި ބައިވެރިވާ މެހެމާނުން މީގެ ކުރިން ދައްކާފައިވާ ބައެއް ވާހަކަތަކާއި ގުޅިގެން ބްރޯޑްކޮމުން ފިޔަވަޅު އަޅާފައިވެއެވެ. ޗެނަލް 13 ގެ ފަރާތުންވެސް ވަނީ އެކަމަށް މާފަށް އެދިފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެއްކޮށް އުވާލަންދެން ބްރޯޑްކޮމުން ވަނީ މަޑިސީލަ ޕްރޮގްރާމް ގެނެސްދިނުން ހުއްޓުވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button