
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ލެގަސީއަކީ ”ސައި ފުރޭންޏެއް“ ކަމަށް ވިދާޅުވެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އެމަނިކުފާނަށް ފާޑު ވިދާޅުވެއްޖެއެވެ.
މުހައްމަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ގައުމު އަޅުވެތި ކަމާއި، އިސްލާމް ދީނާއި ބީރައްޓެހި ފަލްސަފާ އަކަށް ފުރޮޅިދާއިރު، ބަހެއް ވިދާޅުނުވެ ހުންނެވުމުން ރައީސް މައުމޫނުގެ ލެގަސީ ފެންނަނީ ސައި ފުރޭންޔެއް ގޮތަށް ލޯވަޅު އަޅާފައި ހުރި ހަރުދަނާ ކަމެއްނެތް އެއްޗެއްގެ ގޮތުގައި ކަމަށެވެ.
މުހައްމަދު ފާހަގަކުރެއްވި ގޮތުގައި ރައީސް މައުމޫނުގެ ލެގަސީ އަކީ ފިނިހަކަ ލެގަސީއެކެވެ. އަދި އެމަނިކުފާނުގެ އަމަލުތަކަށް ބަލާއިރު ރާއްޖެ ރަސްކަމަށް ބަދަލު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށް މުހައްމަދު ތުހުމަތު ކުރެއްވިއެވެ.
”އާއިލާގަ ކިންގާއި، ކުއީން، ޕްރިންސް ތަކާއި ޕްރިންސަސްތަކެއް ގެނައުމަށް. އެމަނިކުފާނަށް ވެސް އެގޭނެ ރާއްޖޭގެ ރައްޔިތުން އަބަދު އެއްގޮތަކަށް ނުތިބޭނެ ކަން، ވެރިކަމުގެ ތެރޭގައި އުޅުމަށް ބޫތު ކައިފަ ހުރިވަރުން އެއްދުވަސް ވަރެއްގައި ދުލަށް އައި ހުރިހާ ހުތުރު ނަންތަކުން މުހާތަބު ކުރި ފަނާކުރުވަނިވި، ލާ ދީނީ، ލާ ގައުމީ ޖަމާއަތާއި ގުޅިގެން އުޅޭތަން މި ފެންނަނީ.“ މުހައްމަދު ވިދާޅުވިއެވެ.
ބެލެވޭގޮތުގައި މުހައްމަދު ރައީސް މައުމޫނަށް ފާޑުވިދާޅުވެފައި މިވަނީ ސިނަމާލެ ބުރިޖާއި ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ހުޅުމާލެ ފޭސް-2 އަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ތަސައްވުރެއް ކަމަށް އެމަނިކުފާނުގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވުމާ ގުޅިގެންނެވެ.
މިނިސްޓަރ ޔުމްނާ އެގޮތަށް ވިދާޅުވީ ރައީސް މައުމޫނާ ގުޅޭގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މައުމޫންގެ ލެގަސީ ދުއްވާލަން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަސައްކަތް ކުރައްވާކަން މައުމޫން އަމިއްލަފުޅަށް އޭނާ ގާތު ވިދާޅުވިކަން ހާމަކުރައްވާފައެވެ.
އަބްދުއްރަހީމްގެ އެވާހަކަތައް ޔުމްނާ ދޮގު ކުރެއްވިއެވެ. އެކަމަނާ ވިދާޅުވިގޮތުގައި ޔާމީންގެ ސަރުކާރަށް މައުމޫން ކުރެއްވި ތާއީދު އަނބުރާ ގެންދެވީ ޕީޕީއެމްގެ ސަރުކާރުން ކޮރަޕްޝަނާއި އަނިޔާވެރިކަން އިސްކުރުމުގެ ސަބަބުންނެވެ. އެކަމަކު ޕީޕީއެމުން ބުނިގޮތުގައި މައުމޫން ޕީޕީއެމާ ދުރަށް ވަޑައިގެންނެވީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަށް ސަރުކާރު ހިންގުމަށް ޔާމީނަށް މަޖުބޫރު ކުރުމުންވެސް އެފުރުސަތު މައުމޫނަށް ފަހިކޮށް ނުދެއްވައިގެންނެވެ.