ބޭންކު ރޭޓުން އެއް މިލިއަން ޑޮލަރު ވިއްކާނެ ފަރާތެއް ރައީސް ޔާމީނަށް ހޯއްދަވައި ދެއްވި ކަމުގައި ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.
މުހައްމަދު މިފަދައިން ވިދާޅުވީ ވ.އާރަށުގެ މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އާއި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން މިއަދު ހެއްކެއްގެ ގޮތުގައި 3 މީހަކު ހާޒިރު ކުރަން ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މުހައްމަދު އިސްމާއިލް ހިމެނޭ ގޮތަށް 2 މީހެއްގެ ހެކިބަސް މިހާރު ވަނީ ނަގާފައެވެ. ދިފާއުން މުހައްމަދު ހެއްކެއްގެ ގޮތުގައި ހުށަހެޅީ އާރަށު މުއާމަލާތާ ގުޅިގެން ދައުލަތުން ރައީސް ޔާމީނަށް ކުރާ ދައުވާ އަކީ އަސްލެއް ނެތް ދައުވާއެއްކަމަށް ސާބިތުކޮށްދިނުމަށާއި، ދައުލަތުން ދައުވާ ކުރާ އެއް މިލިއަން ޑޮލަރަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްކަން ސާބިތު ކުރުމަށެވެ.
އެގޮތުން މުހައްމަދު ވިދާޅުވީ 2015 ވަނަ އަަހަރުގެ ފަހުކޮޅު ބޭންކު ރޭޓުން އެއް މިލިއަން ޑޮލަރު ވިއްކާނެ ފަރާތެއް ހޯއްދަވައިދެއްވުމަށް އެދި ރައީސް ޔާމީން ފޯނުން އޭނާއަށް ގުޅުއްވި ކަމުގައެވެ.
ވަގުތުން ފޯނުން އެކި އެކި ރަށްޓެހިންނަށް ގުޅީ. ޔޫސުފް ނައީމް އަށް ވެސް ގުޅާލިން. ހުޅުދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު ހުންނެވި އޭރު. ކޮންމެ ބޭފުޅަކުވެސް ވިދާޅުވީ ބަލައިދޭނެކަމަށް. ޔޫސުފް ނައީމްވެސް ވިދާޅުވީ އެގޮތަށް. ޔޫސުފް ނައީމަކީ ކުޑައިރުއްސުރެ ދަންނަ ޓުއަރިޒަމް ދާއިރާގެ ގިނަ ބަޔަކު ދަންނަ ބޭފުޅަކަށް ވާތީ ގުޅީ. ފަހުން ޔޫސުފް ނައީމް ވިދާޅުވީ ރައީސް ޔާމިނަށް ވެއްޖެއްޔާ ދީފާނަމޭ އެއް މިލިއަން ޑޮލަރު ބެންކު ރޭޓުން.“ މުހައްމަދު ވިދާޅުވިއެވެ.
އެ މުއާމަލާތް ނިމުނު ފަހުން ޔޫސުފް ނައީމް ގުޅުއްވި ކަމަށާއި، ފަހުން ކޮފީއަކުން ދިމާވެގެން ރައީސް ޔާމީނަށް އެއް މިލިއަން ޑޮލަރު ވިއްކި ކަން އޭނާ ގާތު ވިދާޅުވިކަން މުހައްމަދު ފާހަގަކުރެއްވިއެވެ.
މުހައްމަދު ވިދާޅުވިގޮތުގައި އޭނާ އަށް އިތުރަށް އެ މުއާމަލާތާ ގުޅޭ އެއްވެސް ކަމެއް ނޭނގެއެވެ. އަދި ސީދާ ވިދާޅުވާން ބޭނުން ނުވާ ބައެއް ވާހަކަތަކެއް ވިދާޅެއް ނުވެއެވެ.
އިތުރު ތަފްސީލް އަންނަނީ..