ޚަބަރުސިޔާސީ

ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކީގެ ތެރޭގައި އަދީބު، ޒިޔަތު އަދި ސަން ސިޔާމް

ރ.ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ތުހުމަތު ކުރެވޭ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން ގެ ދައުވާ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ޒިޔާތުގެ އިތުރުން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ނަން ޝަރީއަތަށް ހުށަހަޅައިފިއެވެ.

އަދީބާއި ޒިޔާޒަތަކީ ރައީސް ޔާމިންގެ މައްޗަށް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި 5 އަހަރުގެ ޖަލު ހުކުމާ ގުޅޭ ޝަރީއަތުގައިވެސް ދައުލަތުގެ ފަރާތުން ހެކީގެ ގޮތުގައި ބޭނުން ކުރި ދެ ފަރާތެވެ.

ރިސޯޓުގެ ގޮތުގައި ރ.ފުއްގިރި ތަރައްގީ ކުރަން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް، 1.1 މިލިޔަން ޑޮލަރު ލޯންޑާކުރި ކަމުގެ ތުހުމަތާ ގުޅޭ ޝަރީއަތުގެ އިބުތިދާއީ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ތާވަލު ކުރީ މިއަދު ހެނދުނު 09:00 ގައެވެ. އެކަމަކު އަޑު އެހުން ފެށުނީ 11 ޖަހަން ކައިރިވީ ފަހުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް – ފޮޓޯ: ހުސެއިން އިހުސާން ބޮންތި

މިއަދުގެ އަޑު އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމީނާ ދެކޮޅަށް 86 ހެކި ހުށަހަޅާފައެވެ. އެއީ ޝަފަހީ ހެއްކިތަކާއި ކިތާބީ ހެކިތަކެވެ. ޔާމީންގެ ފަރާތުން ދިފާއުގައި 30 ހެކި ހުށަހެޅިއެވެ. އެއީ 5 ޝަފައީ ހެއްކަކާއި 25 ކިތާބީ ހެއްކެކެވެ. ޝަފަހީ ހެކީގެ ގޮތުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އިތުރުން ޔާމީންގެ ވެރިކަމުގައި ސިޔާސީ މަގާމެއްގައި ހުންނެވި ޝުއާއުﷲ ސައީދުވެސް ހިމެނެއެވެ.

ރައީސް ޔާމީންގެ ފަރާތުން ވަނީ އެމްއެމްޕީއާރުސީގެ ބައެއް ލިޔެކިއުންތަކާއި، ޓޫރިޒަމް މިނިސްޓްރީގެ ބައެއް ލިޔެކިއުންތަކުގެ އިތުރުން ރައީސް އޮފީހުގެ ބައެއް ލިޔެކިއުންތައް ނެރުމުގެ އަމުރަކަށް އެދިފައެވެ. އެއީ ޔާމީނާ ދެކޮޅަށް ހެކީގެ ގޮތުގައި ދައުލަތުން ބޭނުން ކުރުމަށް ނިންމާފައިވާ ހެކިތަކެކެވެ. އަދި ޔާމީންގެ ދިފާއީ ވަކީލު އަބްދުﷲ ޝިޔާޒު ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ސިޓީއެއް މެދުވެރިކޮށް އެ ލިޔެކިޔުންތައް ހޯދުމަށް ކޯޓުގައި އެދިފައިވާކަން މިއަދުގެ އަޑު އެހުމުގައި ވިދާޅުވެފައެވެ. އެހެން ނަމަވެސް އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އެގޮތަށް އަމުރެއް ނެރެދޭވޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ކޯޓުގެ އުސޫލުގެ ތެރޭގައިވާ ފޯމު މެދުވެރިކޮށް ކަމަށެވެ. ދައުލަތުގެ ފަރާތުން ވަނީ ރައީސް ޔާމީންގެ އާމްދަނީއާ ނުބައްދަލު ފައިސާ އާއި މުދާ ދައުލަތަށް ނެގުމުގެ އަމުރެއް ނެރެދިނުމަށް މިއަދުގެ އަޑުއެހުމުގައި އެދިފައެވެ. އެކަމަކު އެ ކަމަކަށް ޝަރީއަތުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 09:00 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button