ޚަބަރުސިޔާސީ

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކޯލިޝަންގެ މަޝްވަރާކުރުމަށް ރައީސް އިބްރާހީމާއި ރައީސް މައުމޫން ބައްދަލުކުރައްވައިފި

ކުރިއަށްއޮތް ރިޔާސީ އިންތިހާބުގެ ކޯލިޝަންގެ މަޝްވަރާކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައްދަލުކުރައްވައިފިއެވެ.

މިއީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްއާރްއެމްއަށް ރައީސް އިބްރާހިމް ދިން ދައުވަތާ ގުޅިގެން ބޭއްވި ބައްދަލުވުމެއްކަމަށް މައުލޫމާތު ލިބެއެވެ. އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެމްއާރްއެމްގެ މުސްތަޝާރު، ރައީސް މައުމޫނާއި ރައީސް އިބްރާހިމް މަޝްވަރާކުރައްވާނެކަމަށް ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވެއެވެ.

އެމްއާރްއެމްއިން ކޯލިޝަން ހެދުމާމެދު އަދި މިހާތަނަށް ގޮތެއް ނިންމާފައެއް ނުވާއިރު، އެމްއާރްއެމްއިން ހުށަހަޅާ ކަންކަމަށް ރައީސް އިބްރާހިމް އެއްބަސްވެޑައިގަތުމާމެދުވެސް ވަކިގޮތެއް ނިންމަވާފައެއް ނުވެއެވެ. ނަމަވެސް ރައީސް އިބްރާހިމަށް ތާއީދުކުރައްވާ ބޭފުޅުން ދަނީ އެމްއާރްއެމްގެ ފަރާތުން ރައީސް މައުމޫން ހުށަހަޅުއްވާ ކަންކަމަށް އެއްބަސްނުވުމަށް ގޮވާލަމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަނެއް ހެދުމަށް ރައީސް އިބްރާހިމްގެ ދައުވަތު އެޕާޓީއަށް ދެއްވާފައިވާއިރު، އެ ދައުވަތާއި ގުޅިގެން އެ ޕާޓީން މީގެ ކުރިން ހެދި އެނަލިސިސްގައި ރައީސް އިބްރާހިމާއެކު އިއްތިހާދުވާ ހާލަތެއްގައި ޕާޓީއަށް ލިބޭނެ ގެއްލުމާއި ފައިދާގެ މައްޗަށް ތަފްސީލުކޮށް އަލިއަޅުވާލާފައިވެއެވެ.

މި އެނަލިސިސްއިން ދައްކާގޮތުގައި ރައީސް އިބްރާހިމާއެކު ކޯލިޝަން ހަދާނެ ބޮޑު ޕާޓިތައް މަދުކަމަށް ފެނެއެވެ. އެހެންކަމުން ޕާޓީން އެދޭކަންކަން ނެގޯޝިއޭޓްކުރުމުގެ ޖާގަ އިތުރުވެ، ދެވަނަ ބުރަކަށް އެމްޑީޕީ ދިޔަނަމަވެސް، ޕާޓީގެ މަގާމު އެހެން ޕާޓީތަކަށްވުރެ ރައްކާތެރި ހިސާބެއްގައި އޮވެވޭނެކަމަށް އަދި އިންތިހާބުވެއްޖެނަމަ ސިޔާސީ މަގާމުތަކާއި ސަރުކާރުގައި ތުބުމުން ލިބޭ އެހެން މަންފާތައް ލިބޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

ރައީސް އިބްރާހިމަށް ތާއީދުކޮށް އެމްޑީޕީއާއެކު ކޯލިޝަން ހަދައިފިނަމަ، އެމްއާރްއެމްއަށް ލިބޭނެ ގެއްލުން ނުވަތަ ކުރިމަތިވެދާނެ ގޮންޖެހުންތަކަށްވެސް އެ ރިޕޯޓުގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން، 2018 ވަނަ އަހަރުގެ ކޯލިޝަނުގައި އެއްބަސްވި ގިނަ ކަންކަން ނުކުރެވި ހުރުމާއި، ދޭން ބުނި މަގާމުތައް ނުލިބި ހުރުމާއި މިހާރުވެސް އެމްއާރުއެމްގެ އަގު ނުހިފަހައްޓާކަމަށާއި އިންތިހާބުން ދެން މޮޅުވެއްޖެނަމަ އެ ޕާޓީގެ އަގު އިތުރަށް ދެރަކުރާނެކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ރައީސް އިބްރާހިމާއެކު ކޯލިޝަން ހަދައިފިނަމަ އެ ޕާޓީ އޮންނާނީ ކޮމްޕްރޮމައިސްވެފައި ކަމަށާއި، އިންތިހާބުވުމުން ސަރުކާރުގެ ކަންކަން ގޮސްފައިވަނީ އެމްއާރުއެމްއާއެކު އެއްބަސްވެވުނު ގޮތާއި މުޅިން ހިލާފަށް ކަމަށްވާއިރު، އެމްޑީޕީއިން މިހާރު ގެންގުޅޭ އުސޫލުތަކަށް ތަބާވެވެން ނެތްކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ރައީސް އިބްރާހީމް ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ އިތުރު ދައުރަކަށް އެމަނިކުފާނަށް ކުރިމަތިނުލެއްވޭނެތީ އެއްސްބަވާ ކަންކަން ދަމަހައްޓަން މަސައްކަތް ނުކުރުމާއި، މިހާރު ކޯލިޝަން ދަމަހައްޓަންކުރާ މަސައްކަތްވެސް އިތުރަށް ނުކުރުމާއި، ކަންކަން އުސޫލުން ބޭރުންކުރަން ފަސްނުޖެހި، ރޫތުލެސްވުމުގެ ފުރުސަތު އޮތްކަމަށްވެސް އެނަލިސިސްގައި ބަޔާންކޮށްފައިވެއެވެ. އަދި އެމްޑީޕީއާ އިއްތިހާދުވެގެން މިހާރު އޮތް އޮތުމުގެ ސަބަބުން އެމްއާރުއެމްއަށް މެމްބަރުން އިތުރުކުރުމުގައި ގޮންޖެހުން ކުރިމަތިވާއިރު އެ ޕާޓީއަކީ 3000 މެމްބަރުން ހަމަނުވެގެން އިލެކްޝަން ކޮމިޝަނުން އަންގައިގެން އެ އަދަދު މިފަހުން ހަމަކުރި ޕާޓީއެއްކަން ފާހަގަކުރެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button