
މިއަހަރު ސެޕްޓެންބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި އިލެކްޝަން ކޮމިޝަނުން ޖެހޭނެ ވަކި ފަރާތެއް ނޯންނާނެކަމަށާއި، އިންތިހާބަށް އެއްވެސް ނުފޫޒެއް ނުފޯރާނެކަމަށް ފުއާދު ތައުފީގް ވިދާޅުވެއްޖެއެވެ.
އަންނަ ރިޔާސީ އިންތިހާބު މިނިވަންކަމާއެކު ކުރިއަށް ގެންދެވޭނެކަމުގެ ޔަގީންކަންވެސް ފުއާދު ވަނީ ދެއްވާފައެވެ.
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެކުލަވާލާފައިވާ ގައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ އިންތިހާބާއި ގުޅިގެން އެއްވެސް ފަރާތަކަށް އެކޮމިޝަނުގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެކަމަށެވެ. އަދި ރައްޔިތުން ލާ ވޯޓުގެ ނަތީޖާ ދެފުށް ފެންނަހެން ހާމަކަން ބޮޑުކޮށް ހާމަކުރާނެކަމަށާއި، އެ ވޯޓުގެ ތެދު ނަތީޖާ ގެނެސްދޭނެކަމުގެ ފުރިހަމަ ޔަގީންކަންވެސް ދެއްވާފައިވެއެވެ.
”އަޅުގަނޑުމެން ޖެހޭނެ ވަކި ފަރާތެއް ނޯންނާނެ. އަޅުގަނޑުމެން ގަބޫލެއް ނުކުރަން އެއްވެސް ފަރާތަކުން އަޅުގަނޑުމެންގެ މައްޗަށް އެއްވެސް ނުފޫޒެއް ފޯރުވިދާނެކަމަކަށް.“ ފުއާދު ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ވޯޓަށް އެއްވެސް ކަހަލަ ބަދަލެއް އަންނާނެ ފުރުސަތެއް ނުދެއްވާނެކަމަށާއި ރައްޔިތުން ވޯޓުލީ ގޮތަކަށް ނަތީޖާ ނެރެ ދިނުމަށްޓަކައި އެ ކޮމިޝަނުގެ މަސައްކަތްތައް ބައްޓަންކޮށް އެމަގު މަސައްކަތްކުރުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށްވެސް ފުއާދު ވިދާޅުވެފައިވެއެވެ.