ތުރުކީގެ ގޭންގު ބޮޑަކާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާނާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ރ.ފުށްގިރި ރިސޯޓެއްގެ ގޮތުގައި ހަދަން ފަށައިފި ކަން ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓްގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ހާމަކުރައްވައިފިއެވެ.
ޗެނަލް 13 އިން މިރޭ ގެނެސްދިން ނިއުސްޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުހައްމަދު ވިދާޅުވީ އިމްރާނާއި އަލީ ޒާހިރު އަޑީގައި ތިއްބަވައިގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ފުށްގިރި ދޫކުރުމުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޔާމީން އަބްދުލްގައްޔޫމް މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ ސިޔާސީ ދައުވާއެއް ކުރިޔަސް އެރަށުގެ ޖަރީމާގެ ހަގީގީ އަހުލުވެރިންނަކީ އެ ދެބޭފުޅުން ކަމުގައެވެ.
”ތުރުކީގެ ގޭންގު ސްޓާރަކާ ގުޅިގެން ޝެއިޚް އިމްރާނާއި އަލީ ޒާހިރު ހިއްސާވާ ގޮތަށް އެ ދެމީހުން އަޑީގަ ތިބެގެން ފުށްގިރި ޑިވެލޮޕް ކުރަމުން އެބަދޭ.“ މުހައްމަދު ވިދާޅުވިއެވެ.
މުހައްމަދު ވިދާޅުވިގޮތުގައި އެރަށުގެ ހިއްސާ އެ ދެބޭފުޅުންގެ އަތުގައި ނެތް ކަމަށް ވިދާޅުވެ އެކަން ދޮގެއް ނުކުރެވޭނެ އެވެ. އަދި ރައީސް ޔާމީނަށް އަނިޔާ ދެނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންފާނެ ކަމުގެ ބިރު ހީވާތީކަން މުހައްމަދު ފާހަގަކުރެއްވިއެވެ.
”ރައީސް ޔާމީން ފްރޭމްކޮށްގެން މި ބޭފުޅުން މި އުޅުއްވަނީ އެހެން އެއްވެސް ސަބަބެއް އޮވެގެނެއް ނޫން. ވެރިކަމަށް އެމަނިކުފާނު ވަޑައިގެންފާނެތީ.“ މުހައްމަދު ވިދާޅުވިއެވެ.
މުހައްމަދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ލީޑަރުން ރަށްރަށަށް ވަޑައިގެން ފޯމުތައް ފުރައި، ތަފާތު ވައުދުތަކެއް ވިޔަސް ރައްޔިތުން ފިސާރި ރަނގަޅަށް ހޭލާ ތިބުމަށް ވިދާޅުވެފައެވެ.