އިދިކޮޅު އެންމެ ބޮޑު ޕާޓީ ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގައި ވިލިމާލެ ދާއިރާއަށް ވާދަކުރައްވަން އެޕާޓީގެ އެކްޝަން ޑިޕާޓްމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ފޯމު ހުށަހަޅުއްވައިފިއެވެ.
ވިލިމާލެ ދާއިރާގެ ރައީސް ކަމުގެ މަގާމަށް އެދި މުހައްމަދު ފޯމު ހުށަހެޅީ ރޭގެ ވަގުތެއްގައެވެ. މުހައްމަދަކީ އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޖަލުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނު މިނިވަންކުރުމަށް ސިޔާސީގޮތުން އެންމެ ވަރުގަދަ މަސައްކަތްތަކެއް ކުރެއްވި އެއް ބޭފުޅެކެވެ. ހާއްސަކޮށް ސުލްހަވެރި މަގުމަތީ ހަރަކާތްތައް ރާވާ އިންތިޒާމު ކުރުމާއި، އިހުތިޖާޖުތަކުގައި އަމަލީގޮތުން އޭނާ ވަނީ ބައިވެރިވެފައެވެ. އަދި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން އެތައް ފަހަރެއްގެ މަތިން އޭނާ ޖަލުގައިވެސް ބަންދުކުރިއެވެ. ދާދި ފަހުންވެސް އޭނާ ވަނީ 45 ދުވަސް ވަންދެން ދޫނިދޫ ޖަލު ބަންދުގައި ހުރެފައެވެ.
މުހައްމަދުގެ އިތުރުން ގާނޫނީ ވަކީލު މުހައްމަދު ސަލީމް (ރޭނިސް ސަލީމް) ވެސް އެ ދާއިރާގެ ރައީސް ކަމަށް ވާދަކުރައްވައެވެ. އެހެން ކަމުން އަދި އޮތްގޮތުން އެ ދާއިރާގައި އޮންނާނީ ޕްރައިމަރީއެކެވެ.
ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބަކީ ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއަކަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ އިންތިހާބެކެވެ. މި އިންތިހާބަށް ކުރިމަތި ލުމުގެ މުއްދަތު މިމަހު 8 އަށް ހަމަވާއިރު، އިންތިހާބު އޮންނާނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހުގައެވެ. ކޮންމެ ދާއިރާއަކަށްވެސް ރައީސަކާއި، ނައިބު ރައީސެއްގެ އިތުރުން ޒުވާނުންގެ އަދި އަންހެނުންގެ ރައީސަކު އިންތިހާބު ކުރާނެއެވެ.