ކޮލަމްސިޔާސީ

ކޮލަމް ހިސްޓޯ: އައި ކޮޅިގަނޑާއެކު އެމްޑީޕީގެ ފުރާޅު އެއްލާލި އިރު، އެތެރެގެއިން ފެނުނީ ހީވެސް ނުކުރާ ޒާތުގެ މަންޒަރެކެވެ!

26 ޖޫން 2005 ވީ އާދިއްތަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ނަމުގައި ޕާޓީއެއް ރަޖިސްޓްރީ ކުރީ ދިގު ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމުގެ ވަޢުދާއެކުގައެވެ. އެދުވަހުން ފެށިގެން 16 އަހަރު ވޭތުވެ ދިޔައިރު، ރާއްޖޭގެ ސިޔާސީ ވެށި މިދަނީ ދުވަހެއްދުވަހަކަށް ހަލަބޮލިވެ ހީވެސް ނުކުރާހާ ގިނަ ބަދަލުތައް އަންނަމުންނެވެ. އިތުރު އާ ޕާޓީތައް ވުޖޫދުވެ، ބައެއްޕާޓީތައް އުވި ނެތިގެން ދާއިރު، އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ، ދެގެރި އާދީއްތާގައި ރަޖީސްޓްކުރަން ފޯމުހުށަހެޅިއެމްޑީޕީ އާއި އެޕާޓީގެ އެންމެ ބޮޑު، އަދި އޭރުގެ ހަމައެކަނި ސިޔާސީ ޢަދުއްވު ކަމުގައިވާ ކުރީގެ ޑީއާރުޕީގެ ޒަޢީމު މިއަދު ސިޔާސީ ދެމިތުރުންނަށް ވެނިމިފައި ވުމެވެ.

ބޮޑު ދެގެރި ތަޅަންޏާ ބާރު ކުރާނީ ކަށްގަލަށް

އާދޭހެވެ. ބޮޑު ދެގެރި އެތިބީ ސިޔާސީގޮތުން އެއްކޮށްޓަކަށް އެރިފައެވެ. ސިޔާސީ ގޮތުން މުޅިން ތަފާތު ދެފަލްސަފާއެއް ކަމަށް ދަޢުވާކުރި ދެގެރި އެއްވެވަކަށް އެރި ނާނެއިފުޅު ފިއްލަވަމުންދާއިރު އެވެރިންގެ ފަލްސަފާ މިއަދުވީ ކޮންތާކުތޯ ސުއާލުކުރާ މީހުންނަކީ މަދުބައެއް ނޫނެވެ. ސަބަބުތައް ލައްކަ ގިނައެވެ. އެމްޑީޕީ ދަޢުވާކުރީ 30އަހަރު މާ ދިގު ކަމަށާއި އެވަރުން ފުދި އިތުވެއްޖެކަމަށެވެ. އެމްޑީޕީއަށް 15 ފުރި ލިބާސް ލައްވައި 16 ފުރި 17 އަށް އަޅައިގެން ދިޔައިރު އެޕާޓީތެރޭން އަނެއްކާވެސް އެރާގު މިވަނީ ގުގުމާލާފައެވެ. ރާއްޖޭގެ އެންމެ ދޮށީ ޕާޓީގެ ޢުމުރުން މިވީ ދިގުމުއްދަތުގައި އެންމެ މީހަކަށް ނޫނީ ޕާޓީގެ އިސް ލީޑަރޝިޕާ ހަމަޔަށް ދިއުމުގެ ފުރުޞަތެއް ނެތްވާހަކައެވެ. ޤައުމުގެ ލީޑަރޝިޕަށް އެހެން މީހަކު އަަޔަނުދޭންވެގެން މައުމޫން ބޭނުންކުރި ފޯމިއުލާ، އެމްޑީޕީން އެޕާޓީތެރޭގައި ގެންގުޅޭ ވާހަކައެވެ. ކިރިޔާވެސް ކުރިއަރައި މަޤްބޫލު ވެދާނެހެން ހީވާ މީހަކުނަމަ، ކޮއްޕާ ވައްޓައިލައި، ސިޔާސީ ގޮތުން އިނދަ ޖައްސާ ވާހަކައެވެ. އިބްރާއާއި މުނައްވަރެވެ. ޑީޑީއާއި އަލްހާނެވެ. ހައްތަހާވެސް މަޤްބޫލު ވޯޓުން ހޮވި ލީޑަރުންނެވެ. ނަޝީދަށް ވުރެ އުހަށް އެމީހުންގެ މަޤްބޫލުކަން ޕާޓީތެރޭ ހިނގައިދާނެތީވެ، ފިއްތައި ޗިސްކޮށްލަނީއެވެ.

ސުވާލަކީ މިއީ ހަމަ ނަޝީދުގެ އެކަނި ނިންމުމެއް ހެއްޔެވެ؟ މިއަދު އެތެރެގެއިން ފެންނަ މަންޒަރުތަކަށް ބަލާއިރު މިނޫން ގޮތަކަށް ތަރުޖަމާ ކުރުމުގެ ފުރުޞަތު އެބަ އޮތެވެ. ސަބަބަކީ ތޯއެވެ. ވޭތުވެދިޔަ 16 އަހަރު ނަޝީދު، ޕާޓީގެ އެންމެ އުސް ކުންނުގައި “އުފާއުފަލުން އުފާކުރަމުން ވަޔާއެކު އުދުހި” ދަނިކޮށް، “ތަފާތުއެކި މާމަލުން ފޮނިބޮއެ މަޖާކޮށް” އެންމެ ފަހުން ނަޝީދުގެ ސިޔާސީ ފޮނިކޮޅު ބޮއެ، ހުސްކޮށް އެލީ އޭނާގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. ދަރިންގެ އިބޫ ދޮންބެއެވެ. ވީއިރު، އެމްޑީޕީގެ ލީޑަރޝިޕް ކޮންމެ ފަހަރަކު ފުނޑުފުނޑު ކުރަނީ ނަޝީދު އަމިއްލަ އަށް ކަމަށް ބުނެވިދާނެ ހެއްޔެވެ؟ ނޫނީ އެންމެ ގާތްމީހާގެ ވަސްވާހުގައި ނަޝީދު ޖައްސުވައިގެން ނަޝީދު ލައްވައި ކުރުވާ ކަމެއް ހެއްޔެވެ؟ ގާތްމީހާއާމެދު މިފަދަ ގޮތަކަށް ދުށުމަކީ ފާފައެއްކަމު ވެދާނެހެއްޔެވެ؟

ބަޣާވާތާއި އާއިލީ ވެރިކަމުގެ ފަލްސަފާ

ފެންނާންއޮތް ޙަޤީޤަތަކީ، އެމްޑީޕީގެ ފުތަރަމަ ވެރިކަން ދެއަހަރާ ބައިގެ ތެރޭގައި ނިމިގެން ދިޔަކަމެވެ. ނަޝީދު ސިފަކުރާ ގޮތުގައި އެވެރިކަން ނިމުކަށް ގެނުވީ ބަޣާވާތެކެވެ. ނާޒިމާއި، ރިޔާޒާއި، ޝާހިދާއި، ތަސްމީނާއި، ޤާސިމާއި މައުމޫނާއި އިމްރާނު ގުޅިގެން ހިންގިބަޣާވާތެކެވެ. ބުނެވި ދިޔައީ އެމްޑީޕީން ބަޣާވާތުގެ އަހުލުންގެ ލިސްޓުގެ އެންމެ ކުރީގައި ކިޔާ ނަންތަކެވެ. މިވަރުގެ އަނިޔާއެއް ޕާޓީއަށް ދިން މީހުން މިއަދު އެތިބީ އެންމެ ގާތްމީހާގެ އެންމެ އަރިސް މީހުންގެ ގޮތުގައެވެ. އޭނާގެ ލަފާދާރުންގެ ގޮތުގައެވެ. އެމީހުން އަރިއަސް ކޮށްގެން، ގާތްމީހާ މިއަދު ފައިވިއްދާފައި އެހުރީ އިބްރާއާއި މުނައްވަރު ފަދަމީހުން ޕާޓީގެ ލީޑަރޝިޕުން ބޭރުކުރި ގޮތަށް، ނަޝީދުވެސް ފައްސައިލުމަށެވެ. އެންމެ އިސްލީޑަރަކީ ތިމަންނަ ކަމަށް ދަޢުވާކޮށް ނަޝީދަށް ގޮން ޖަހަމުންނެވެ. އެކަން އިހުސާސްވެގެން ތޯއްޗެ! ނަޝީދު އިރުއިރުކޮޅާ އެދަނީ އޭނާގެ ސިޔާސީ ވާދަވެރިޔާގެ އެހީއާއި މަދަދަށް އެދި ކުކުރަމުންނެވެ. ގާތްމީހާ ޖެހި ދިލަގަދަ އެތިފަހަރަށް ކެތްނުކުރެވިގެންނެވެ. ޕާޓީ އެދަނީ “މައުމޫނިއްޔަ” ފަލްސަފާއިން ތަތްތެޅި ފޯވަމުންނެވެ. ނަޝީދު އޭނާގެ ދިގު 16 އަހަރު 17 އަށް ހެދޭތޯ މަރުފަލި ޖަހަމުންދާއިރު، އެންމެ ގާތް މީހާ އެދަނީ އޭނާއަށް ނުރައްކަލަކަށް ވެދާނެ ހުރިހާ ލީޑަރުން “މައުމޫނިއްޔަ ކަނޑިން” ކަތިލައި ހުސްކުރަމުންނެވެ. ނަޝީދަށް އެހުރެވެނީ ފަހު އެތިފަހަރުގެ މިޔަ މަތީގައެވެ.
އެމްޑީޕީން ސިފަކޮށްދޭ “މައުމޫނިޒަމް” ގެ އެންމެ އަސާސީ އެއްސިފައަކީ ޢާއިލީ ވެރިކަމެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ކެބިނެޓާއި، މަޖިލީހާއި، ދައުލަތުގެ ކުންފުނިތަކާއި ދެންވެސް ހުރިތަނެއްގައި މައުމޫނު އޭނާގެ ޢާއިލާގެ މީހުން ލައިގެން ދައުލަތުގެ ޚަޒާނާ “ފަރިއްކުޅުއްވާ” ވާހަކައަކީ މިފަލްސަފާގެ ތެރެއިން، އެމްޑީޕީން ރައްޔިތުން ލޮއްސަން ކީ އެންމެ ފަރި އެއް ނާނާއެވެ. މިއަދު މައުމޫނު އެހުރީ އެ އެމްޑީޕީ ތެރޭގައެވެ. އެމްޑީޕީ ސަރުކާރުގެ ބައިވެރިއަކަށް އަދި އެންމެ އިސް މުރުޝިދަކަށެވެ. ޙާލަތަކީ ތޯއެވެ. އެތާވެސް މިތާވެސް ކެރަފައެވެ. ސިއްކައެވެ. ރައީސް އޮފީހާއި، ވުޒާރާތަކާއި، މަޖިލީހާއި ކުންފުނިތަކާއި ނުވިތާކަށް ބޭރުގެ މިޝަންތަކުގައިވެސް އެތިބީ ހައްތަހާވެސް ޢާއިލާތެރެއިން ލާފާއި ތިބި ޤާބިލާއި ނާޤާބިލެވެ. އެމްޑީޕީ ސިފަކުރާ މައުމޫނިޒަމް ހަމަ ރަނގަޅަށްވެސް މިވަނީ އެޕާޓީތެރޭ ކުރަލައި ނިމިފައެވެ. އެމްޑީޕީގެ ދަތުރުނާމާއެކޭ މައުމޫނިޒަމް ގެ ސަފަރުނާމާއެކޭ ތަފާތެއް ނެތް ގޮތުގައެވެ.

 

One Comment

  1. ހާދަހާ އެއްވަނައިގެ ލިއުމެކޭ، ހަމަ އައްސަރިބަހާ ސާބަސް، އަދި ކޮބައިތޯ ރޮޒައިނާ ކިއާ ކާމިނީ ވެރިކަން މިހާރު އެމްޑީޕީގާ މައުމޫނު އުޅުއްވާތީ ކާމިނީ ވެސް ރޮޒޭނާ ބުރިކޮށްލައިފި އެނަން ވެސް ފުހެލައިފި، އެބައިމީހުންނަކީ ކޮން ކަމެއް ބޭނުނވެގެން އުޅުން ބައެއްކަން ވެސް މިހާރު ނޭނގޭ ހަމަ ވައިއަނގަ ތަޅާ ބައެއް.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button