ޚަބަރުސިޔާސީ

އާރަށު މައްސަލައިގައި ދައުލަތުގެ ހެކިވެރިޔާ ތައްޔާރު ކުރި ރިޕޯޓެއްގެ ސައްހަ ކަމާމެދު ސުވާލު އުފެދިއްޖެ

ވ.އާރަށް ކުއްޔަށް ދިނުމުގައި ހިންގި މުއާމަލާތާ ގުޅޭގޮތުން ދައުލަތުގެ ހެއްކިވެރިޔާ ތައްޔާރު ކުރި ރިޕޯޓެއްގެ ސައްހަ ކަމާމެދު ސުވާލު އުފެދިއްޖެއެވެ.

މިކަން ހާމަވެފައިވަނީ އެ މައްސަލައިގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރިޝްވަތު ނެންގެވި ކަމަށާއި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނާ މައްސަލައިގައި މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑު އެހުމުގައެވެ.

ދައުލަތުގެ ފަރާތުން މިއަދު ހެއްކެއްގެ ގޮތުގައި ހާޒިރު ކުރީ ފުލުހުންގެ ފޮރެންސިކް ލެބޯރެޓަރީގައި މަސައްކަތް ކުރާ ސީނިއާ ފޮރެންސިކް އެނަލިސްޓް އެވެ. މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދައްކާފައިވަނީ އޭނާ ތައްޔާރު ކޮށްފައިވާ ފްރެންސިކް ރިޕޯޓަކަށެވެ. އެ ރިޕޯޓު މެދުވެރިކޮށް، ދައުލަތުން ޝަރީއަތަށް ސާބިތުކޮށްދޭން ބޭނުންވީ އާރަށުގެ މުއާމަލާތާ ގުޅޭ ކަމަށް ތުހުމަތު ކުރެވޭ ފައިސާތަކެއް އެޗްއެސްބީސީގެ އެކައުންޓަކަށް ޖަމާ ކޮށް، އެ ފައިސާ ރައީސް ޔާމީން ލޯންޑާ ކޮށްފައިވާ ކަމެވެ. އެގޮތުން އެކައުންޓް ހުޅުވި ލިޔުމަކާއި، ޗެކާއި، ޗެކް ޖަމާ ކުރަން ހުށަހެޅި ސްލިޕް ފަދަ ލިޔެކިޔުންތަކެއް ދައުލަތުން ހޯދުމަށްފަހު، އެކައުންޓް ހުޅުވުމަށް ފޮނުވުނު ސިޓީއެއްގެ ތިރީގައި އަތުލިޔުމުން ލިޔެ ސޮއިކޮށްފައިވާ ބަޔަކީ ރައީސް ޔާމީންގެ އަތު ލިޔުމާއި ސޮއި ކަމުގެ އަސްލު ކަމަށް ބަލައި، ބޭންކުން ހޯދި ލިޔެކިޔުންތަކުގައި ކޮށްފައިވާ ސޮޔާ ދިމާވާކަން ދައުލަތުން ބޭނުންވީ ޝަރީއަތަށް ސާބިތު ކޮށްދިނުމަށެވެ.

އެކަމަކު އެ މުއާމަލާތް ހިނގާފައިވާ ތަރުތީބު ދެނެގަތުމަށްޓަކައި އާންމު އުސޫލުން ތައްޔާރުކުރާ ލޮގު ކަމަށްވާ ޗެއިން އޮފް ކަސްޓަޑީގައި ދައުލަތުން އެބުނާ ސިޓީ ނަގާފައިވާ ތާރީހަކަށް ލިޔެފައިވަނީ 23 އޯގަސްޓް 2026 އެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ދައުލަތުގެ ހެކިވެރިޔާ އާއި ސުވާލު ކުރީ ޗެއިން އޮފް ކަސްޓަޑީ ސައްހަ ތޯއެވެ. ޖަވާބުގައި ހެކިވެރިޔާވެސް ވަނީ ފަހުގެ ތާރީހެއް ޖަހާފައިވާކަމަށް އެއްބަސްވެފައެވެ. ހެކިވެރިޔާ ބުނިގޮތުގައި ސާމްޕަލްގައި ހުރީ ކާކުގެ ސޮޔެއް ކަމެއްވެސް އޭނާއަކަށް ނޭނގެ އެވެ. އަދި އޭނާގެ ދައުރަކީ އަތު ލިޔުން ދިމާވޭތޯ ބެލުން އެކަނި ކަމުގައިވެސް ބުންޏެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން ވަކީލު އާދަމް ޝަމީމް ހެކިވެރިޔާ އާއި ކުރި ސުވާލުތަކުންވެސް އެއީ ޔާމީންގެ ސޮއިކަން ސާބިތު ކުރެވޭނެ އަސާސެއް ނެތެވެ.

ރިޕޯޓުގައި ގިނަ ކަންކަން އެއްގޮތްކަން ފާހަގަކޮށްފައިވާއިރު އެއީ ކޮން ކަންކަމެއްކަން ތަފްސީލް ކޮށްފައެއްވެސް ނުވެއެވެ.

ދެން މި މައްސަލައިގެ އިތުރު އަޑު އެހުމެއް އޮންނާނީ މިމަހުގެ 4 ވަނަ ދުވަހުގެ ހެނދުނު 09:30 ގައެވެ. އެދުވަހުވެސް އޮންނާނީ ދައުލަތުގެ ފަރާތުން ހުށަހަޅާ ހެއްކެއްގެ ހެކިބަސް ނެގުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button